ފުލުހުންގެ ހިންގުން ހަރުދަނާކުރަން އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ އިއްޔެ އިން ފެށިގެން ގެނައި ބަދަލުތަކާ އެކު، މަގާމުތަކަށް އޮފިސަރުން އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އާ އޮނިގަނޑުގެ ދަށުން ފުލުހުންގެ ހިދުމަތްތަކާއި ތަހުގީގުގެ ދާއިރާ އާއި އިންޓެލިޖެންސް، ފޮރެންސިކް، އޮޕަރޭޝަނަލް ސަޕޯޓް، ޓެކްނޮލޮޖީ، ޓްރޭނިން އަދި ކޯޕަރޭޓް ސަޕޯޓް ފަދަ މަސައްކަތްތައް ވަނީ ކޮމާންޑުތަކެއްގެ ދަށުން ތަރުތީބު ކޮށްފަ އެވެ.

އެ އޮނިގަނޑުގައި ކޮމާންޑް ލެވެލްގައި ހިމެނޭ ބައިތަކަކީ:

• އޮފީސް އޮފް ދަ ކޮމިޝަނާ

• ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް

• ޕްރޮފެޝަނަލް ސްޓެންޑާޑްސް

• ނޭޝަނަލް އިންޓެލިޖެންސް ސާވިސް

• އިންޓާނަލް ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސަޕޯޓް

• ފޮރެންސިކް ސާވިސަސް

• ސެންޓްރަލް އިންވެސްޓިގޭޝަންސް

• މާލޭ ޕޮލިސް

• ހުޅުމާލޭ ޕޮލިސް

• ނޮދަން ޕޮލިސް

• ސަދަން ޕޮލިސް

• ސާވިސް ޑިވެލޮޕްމަންޓް

• ސާވިސް ސަޕޯޓް

• ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ

ފުލުހުން ބުނީ އޮނިގަނޑު ފަރުމާކޮށްފައިވަނީ ތަފާތު ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރުމާ އެކު އާއްމުންނާ ވީހާ ވެސް ގާތުން ހިދުމަތް ފޯރުކޮށްދޭ ނިޒާމެއް ގާއިމްކުރަން ކަމަށެވެ.

އޭގެ އިތުރުން، ހިދުމަތް ދިނުމުގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންގެ ދައުރު ފުޅާކުރުމާއި ގައުމުގެ އަމާންކަމާއި ރައްކާތެރިކަމުގެ މާހައުލަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް، ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާތޯ ކަށަވަރުކުރުމަކީ ވެސް އެ ބަދަލު ގެނައި މައިގަނޑު ސަބަބެއް ކަމަށް ބުންޏެވެ.

ފުލުހުންގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައި އިރު، މި ފަހުން ޕޮލިސް ކޮމިޝަނަރަކަށް ވެސް ވަނީ އާ ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ. ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް ރިޓަޔާކުރެއްވުމާ އެކު، މިދިޔަ އޭޕްރީލް މަހު ވަނީ އަހުމަދު މުހައްމަދު (ޓޫފޯ) ޕޮލިސް ކޮމިޝަނަރަކަށް އައްޔަންކުރައްވައިފަ އެވެ. މިއީ މި ސަރުކާރުގައި ހަމަޖެއްސި ތިން ވަނަ ކޮމިޝަނަރެވެ.