މި އަހަރު 300 އަށް ވުރެ ގިނަ ފުލުހުންނަށް ޕްރޮމޯޝަން ދޭން ނިންމައިފި އެވެ.

ފުލުހުންގެ އިދާރާގެ ވެބްސައިޓުގައި ބުނީ 331 ފުލުހަކަށް މަގާމުގެ ކުރިއެރުން ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި މަސައްކަތްކުރާ 166 ފުލުހަކަށް މިއަދު ވަނީ ޕްރޮމޯޝަން ލިބުނުކަމުގެ ލިޔުން ދީފަ އެވެ. 

ބާކީ ތިބި، ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން އެ ސަރަހައްދުތަކުން ހަވާލުކުރަން ވަނީ ނިންމައިފަ އެވެ. 

ވެބްސައިޓުގައި ބުނީ އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮމޯޝަންގެ ލިޔުން ހަވާލުކުރީ ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓާ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި ސާޖަންޓް ރޭންކުން ސީނިއާ ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުނުންނާއި ކޮންސްޓަބަލް ރޭންކުން ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނަށް ކަމަށެވެ. 

ޕްރޮމޯޝަން ލިބުނުކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް
ޕްރޮމޯޝަން ލިބުނުކަމުގެ ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް

އެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ މަގާމުގެ ކޮންމެ ރޭންކަކާ އެކު އޮތީ އެ އަށް ވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށެވެ. 

އެހެންވެ، ލިބުނު މަގާމުގެ ކުރިއެރުމާ އެއް ވަރަށް މަސައްކަތުގެ ފެންވަރާއި އަހުލާގާއި ސުލޫކުން ނަމޫނާ ދައްކަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި އެއީ ގާނޫނު ތަންފީޒުކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

"މިތަނުގައި އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އަސާސީ ސިފައަކީ މަސައްކަތްކުރަން ތިބި ބައެއްގެ އަހުލާގު. އަހުލާގެއް ނެތިއްޔާ ދެން މި ތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ވެސް ނޯންނާނެ،" ސީޕީ އަހުމަދު ވިދާޅުވި އެވެ.