ސައިބަ ކުށްތައް މި އަހަރު ދެ ގުނަ އިތުރުވެއްޖެ ކަމަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ސައިބަ ސެކިއުރިޓީ އެވެއާނަސް މަހާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ އާބާދީގެ 85 ޕަސެންޓު މީހުން އިންޓަނެޓާއި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ ކަމަށާއި އެ ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުމަށް އެތައް ލުއިފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ. 

ނަމަވެސް، އިންޓަނެޓުގެ ޒަރިއްޔާއިން ކުރިމަތިވާ ނުރައްކާތައް ފެތުރޭ މިންވަރު އެތައް ގުނައެއް ހަލުއިވެފައިވާތީ އާންމުންނާއި ވިޔަފާރިތައް އަދި ދައުލަތުގެ މުއައްސަސާތައް ވެސް ސައިބަ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅި ސައިބަ ކުށްތައް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެ ގުނަ ވަނީ އިތުރުވެފަ އެވެ. އެ މައްސަލަތަކުގެ 68 ޕަސެންޓަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިނގާ ކުށްތަކެވެ. 

ނަހަމަ ގޮތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސައްހަނޫން މެސެޖުތަކާއި އަޑާއި ވީޑިއޯ އުފައްދައި އާއްމުން މަޅީގައި ޖައްސަން ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރާ ކަމަށާއި އެއީ ހަމައެކަނި އާއްމުންގެ މާލީ އަދި ޒާތީ ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.

"މިއީ މުއައްސަސާތަކުގެ އިތުބާރާއި ގައުމުގެ އިގްތިސާދީ ހަރަކާތްތަކާއި އަދި މުޅި ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމެކެވެ،" ފުލުހުންގެ ވެބްސައިޓުގައި އާއްމުކުރި ބަޔާނުގައިވެ އެވެ. 

ފުލުހުން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް
ފުލުހުން މީގެ ކުރިން ބޭއްވި ހަރަކާތެއްގައި ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވާހަކަދައްކަވަނީ.-- ފޮޓޯ: ޕޮލިސް

"ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާއި މާލީ މުއާމަލާތްތަކާއި ވިޔަފާރިތަކުގެ އިތުރުން އަޅުގަނޑުމެންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި ކުށްކުރުމަށް ސައިބަ ވެށީގައި ފަހިވާ ފުރުސަތުތައް ވެސް މި ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ތަރައްގީއާއި ޒަމާނީ ބަދަލުތަކުގެ ހަގީގީ މަންފާ ހާސިލުކުރެވޭނީ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއަކުން ވެސް ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވެ ދުރާލައި ހޭލުންތެރި ފިޔަވަޅުތަކެއް އަޅައިގެންނެވެެ."

ސީޕީ ވިދާޅުވީ އެ އިދާރާއަށް ގިނައިން ހުށަހަޅާ އެފަދަ މައްސަލަތަކުގައ ހޭލުންތެރިކަން ކުޑަވުމާއި ފަރުވާކުޑަ އަމަލެއްގެ ސަބަބުން ވެވޭ އިހުމާލު ފާހަގަކުރެވޭ ކަމަށެވެ.

ސައްހަކަން ކަށަވަރުނުވާ ލިންކުތަކަށް ފިތުމާއި ޒާތީ މައުލޫމާތާއި އޯޓީޕީ ހިއްސާކުރުން އަދި އޮންލައިންކޮށް މުއާމަލާތްކުރާއިރު ކާކުކަން ކަށަވަރުނުކޮށް އިތުބާރުކުރުމަކީ، އެފަދަ ކުށްތަކުގައި ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކެވެ. 

އަހުމަދު މުހައްމަދު ވިދާޅުވީ ސައިބަ ކުށްތައް ހުއްޓުވުމާއި އެފަދަ މައްސަލަތަކުގެ ތަހުގީގުތައް މިހާރަށްވުރެ ހަރުދަނާކުރަން ފުލުހުން އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި އެ އިދާރާގެ ފަންނީ ގާބިލުކަން އިތުރުކުރަން މަސައްކަތްކުރާ ކަމަށެވެ.