ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށް އަނެއްކާ ވެސް ބަދަލެއް ގެންނަން އާއްމުން ބޭނުންވާނަމަ އެކަމާ ސަރުކާރުން ވިސްނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އަހަރުގެ ފަހުކޮޅު ކުރިން ދެމުން އައި ޗުއްޓީ މިހާރު ދެނީ ޖޫން/ޖުލައި ގަ އެވެ. އެއީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރަކަށް ވާތީވެ ޗުއްޓީގައި ދަތުރުފަތުރުނުކުރެވި ގޭގައި ތިބެން ޖެހުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
އެކަމަކު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" އިން އެ ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ ރަސްމީކޮށް އެކަމާ ގުޅޭ ޝަކުވާ ހުށަހަޅާފައި ނެތް ކަމަށެވެ.
އެކަމަކު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި ނޫސްތަކުން އެކަމާ ގުޅޭ ޝަކުވާތައް ފެންނަ ކަމަށާއި އެ ކަންބޮޑުވުންތަކަކީ މިނިސްޓްރީން ވިސްނާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރާ ހަމައަށް ރާއްޖޭގައި ދިރާސީ އާ އަހަރު ފަށަމުން ދިޔައީ ކޮންމެ ޖެނުއަރީ މަހެއްގެ ދެ ވަނަ ހަފުތާގެ ތެރޭގަ އެވެ. ނަމަވެސް 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމުގައި ސްކޫލުތައް ބަންދުކޮށް ދިގުލައިގެން ދިއުމާއި އޯ ލެވެލް އިމްތިހާނު ބާއްވާ ތާރީހު ފަސްވެގެން ދިއުމުން ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދިރާސީ އާ އަހަރު ފަށާ މުއްދަތު ބަދަލުކުރީ އެވެ.
އޭގެ ކުރިން ވެސް މިނިސްޓްރީން ވަނީ ނޮވެމްބަރު/ޑިސެމްބަރު މަހަކީ ރިސޯޓުތަކުގެ ޕީކް ސީޒަނަށް ވުމުން އެ މުވައްޒަފުންނަށް އާއިލާއާއެކު ޗުއްޓީ ލިބޭނެ ގޮތް ހެދުމަށް ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރުމުގެ މަޝްވަރާކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ މި ދުވަސްވަރުގެ މޫސުން ބެލުމަށް ފަހު، ހާލަތު ރަނގަޅު ނޫނިއްޔާ ބަދަލުކުރެވިދާނެ ކަމަށާއި އެކަމަކު އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ބަދަލުކޮށްފި ނަމަ ދަރިވަރުންގެ ކަރިކިއުލަމް ނިންމުމަށް ދިރާސީ އަހަރަށް ހަ މަސް އިތުރުވެގެން ދިއުމުން، މިހާރު ތިބި ދަރިވަރުންގެ ވަގުތުތައް ބޭކާރުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބޮޑު ބަންދަށް ފަހު، މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާނެ އެވެ.