ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލުން މިހާރު ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލް ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ ފަތިހާ ހަމައަށް، ފަލަސްތީނުގެ 32 މީހަކު ޝަހީދުވެފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ހަވީރު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއް ނެތް އާއްމުން ޝަހީދުވެ ޒަހަމްވަމުންދާ ކަމަށާއި އެ އެންމެންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ހަމްދަރުދީ ފާޅުކުރާ ކަމަށެވެ.

ބަޔާނުގައި ވަނީ އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހަތިޔާރެއް ނެތް އާއްމުންނާ ދެކޮޅަށް އެ ގައުމުން ބާރުގެ ބޭނުންކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުން ދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ. ގެ އާއްމު މަޖިލީހާއި ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކާ ހިލާފަށް ކަމަށް ރާއްޖޭން ގަބޫލުކުރާ ގަބޫލުކުރުން ބަޔާނުގައި ތަކުރާރުކޮށްފަ އެވެ.

އަދި ދިވެހި ސަރުކާރުން ދެކޭ ގޮތުގައި މި މައްސަލައަށް ދާއިމީ ސުލްހައެއް އަންނާނީ، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅޭ އަދި 1967 ވަނަ އަހަރުގެ ކުރިއަށް އޮތް ބޯޑަރާ އެއްގޮތަށް، މިނިވަން ފަލަސްތީނެއް އުފެދޭ ދެ ދައުލަތުގެ ހައްލެއް ގެނެސް ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން ވަނީ ރާއްޖެ އޮތީ ފަލަސްތީނާއި އެ ގައުމުގެ ސަރުކާރާ އެކުކަން ބަޔާންކޮށް، ފަލަސްތީނުގެ މިނިވަންކަމަށް ބައިނަލްއަގްވާމީ މުޖުތަމުއާ ގުޅިގެން ވަކާލާތުކުރާނެކަމުގެ ޔަގީންކަން ވެސް ދީފަ އެވެ.