ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އެމްޑީ އާލަމްގީރުއާ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އޭނާ އާއި ނާޒިމް ސައްތާރުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހުމާން ރަފީގުގެ މައްޗަށް ދައުވާކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.
ހައްޔަރުކުރި ތިން މީހުންގެ މައްސަލާގައި ދައުވާކޮށްދޭން އެދިފައިވާ ކަން ޕީޖީގެ އޮފިޝަލަކު މިއަދު ކަށަވަރުކޮށްދެއްވި އެވެ.
މި މީހުންގެ މައްޗަށް ދައުވާ އުފުލަން އެދިފައި ވަނީ ޖިންސީ ކުށުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ތުހުމަތުކޮށްފައިވާ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ގާނޫނުލްއުގޫބާތުގެ ދަށުން ވެސް އެ ކުށަށް ޖަލު އަދަބެއް އަންނާނެ އެވެ.
އާލަމްގީރާ އެކު ހުތުރު އަމަލު ހިންގާ ވީޑިއޯ އާއްމުވުމާ އެކު ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ.
ފުލުހުން އަންނަނީ އާލަމްގީރާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރާ 38 މީހެއްގެ ވީޑިއޯ އެނަލިސިސް ހަދަމުންނެވެ. މީގެ ތެރެއިން ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންގެ މައްސަލަތައް ވަނީ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އޭގެތެރެއިން ބައެއް މީހުން ވަޒީފާ އިން ވަކިކޮށްފައިވާ އިރު އަނެއް ބަޔަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
މި ފިޔަވަޅުތައް އެޅިއިރު މިހާތަނަށް ވީޑިއޯ އާއްމުވި އެންމެން ހައްޔަރުނުކުރަނީ ކީއްވެތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ތަހުގީގު ހިނގާކަން އެނގޭތީ މީގެ ތެރެއިން ބައެއް މީހުން ވަނީ ރާއްޖެ އިން ބޭރަށް ފުރައިފަ އެވެ. ކޯޓު އަމުރު ހޯދައި 18 މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ އޭގެ ފަހުންނެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ ވީޑިއޯތަކާ ގުޅިގެން އެންމެންނާ ދޭތެރޭގައި ވެސް އަމަލުކުރަނީ އެއް މިންގަނޑަކުން ކަމަށެވެ. މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ ވީޑިއޯތަކުގައި ހިމެނޭ އެންމެން ހައްޔަރުނުކޮށްގެން ވާހަކަ ދެއްކިއަސް އެއީ ވަގުތުން ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ވީޑިއޯ އިން މީހުން ދެނެގަނެ ތަހުގީގަށް ހާޒިރުކޮށް، ހަށިގަނޑުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ފޮރެންސިކް އެނަލިސިސް ހަދައި ހެކި ލިބިގެން ނޫނީ ބަންދަށް ގެނެވެން ނޯންނާނެ ކަަމަށް ހަމީދު ވިދާޅުވި އެވެ.
ނޯޓް: މި ހަބަރު ޕަބްލިޝްކުރިއިރު އާލަމްގީރު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ނަޝީދަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ރިޕޯޓްކުރެވުނީ ޕީޖީ އޮފީހުން މައުލޫމާތު ދިނުމުގައި އެރި އޮޅުމަކުންނެވެ. އެހެންވެ އެ މައުލޫމާތު މި ޚަބަރުން ވާނީ އިސްލާހުކޮށްފަ އެވެ.