ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގަންނަވާ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ޓިކެޓް ޔާމީނާ ހަވާލުކުރަން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ސަލާމަތަށް ނޫން ކަމަށާއި އެ މަސައްކަތަށް އެމަނިކުފާނު ނިކުމެ ވަޑައިގަތީ ރާއްޖެ އަޅުވެތިކަމުން ސަލާމަތް ކުރުމަށް ކަމަށެވެ. އަދި ރާއްޖެ މިހާރު އޮތް ހާލަތަށް ވެއްޓެން ޖެހޭނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޟަމީރު ގަބޫލެއް ނުކުރެވޭ ދިވެހި ދައުލަތުގެ ސިޔާދަތު ގެއްލެންވާނެ ކަމަކަށް. ދިވެހިރާއްޖޭގެ މިނިވަންކަން އޮންނަން ޖެހޭނެ. މިއީ ޕީޕީއެމް ވިސްނާ ގޮތް، ޕީއެންސީ ވިސްނާ ގޮތް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާ ގުޅުން ބޭއްވުމުން ކަންބޮޑުވެގެން އެއް ބަޔަކު ވާހަކަ ދެއްކިޔަސް، ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާ އެއްވެސް ކަމެއް ޗައިނާއާ އެކު ސަރުކާރުން ކުރަން ނުޖެހޭ ކަމަށެވެ. އެކަމަކު މިއަދު ރާއްޖެ އޮތީ އަޅުވެތިވެފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ހާރިޖީ ސިޔާސަތު އެއް ގައުމަކަށް ބަރޯސާވީމަ ވާނެ ގޮތުގެ ވާހަކަ ދައްކާއިރު އޭރުތޯ ހާރިޖީ ސިޔާސަތު ބަރޯސާވީ. މިއަދު ތޯ ބަރޯސާވީ. ނޫން މިއަދު ބަރޯސާއެއް ނުވޭ. އަޅުވެތިވީ. މިއަދު މި ތިބީ އަޅުވެތިވެފައި." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނިކުންނަވަން ނިންމެވީ އޭގެ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރުގެ ފަރާތްތަކާ އެކު ހަދާފައި ހުރި އެއްބަސްވުންތައް ހުރިގޮތް ވެސް ވިސްނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ދަރަނީގެ ފުންމިނެއް ނޭނގެ. ކޮށްފައި ހުރި އެގްރިމެންޓްތަކުން ސަލާމަތްވުމަށްޓަކައި ކިހާވަރެއްގެ ތަކުލީފެއް އުފުލަންޖެހޭނެ ކަމެއް އަޅުގަނޑުމެންނަކަށް އަދި ނޭނގެ." ޔާމީން ވިދާޅުވި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް ޔާމީނަށް މިރޭ އަރުވަނީ.---ފޮޓޯ: ޕީޕީއެމް
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޕީޕީއެމްގެ ޓިކެޓް ޔާމީނަށް މިރޭ އަރުވަނީ.---ފޮޓޯ: ޕީޕީއެމް

"ދިވެހިރާއްޖޭގެ ހަރުމުދާތަކާއި ވަސީލަތްތައް ކޮމްޕްރޮމައިޒްވާ ގޮތަށް ހަދާފައި ހުރި އެއްބަސްވުންތައް ބާތިލް ކުރަންޖެހޭ، ފޮހެލަން އެބަޖެހޭ. އެއީ އަޅުގަނޑުމެން ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތް." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ވެރިކަން ހިންގާ ޑިމޮކްރަޓިކް ނިޒާމުގައި މައްސަލައެއް ނެތެވެ. އަދި ހުރިހާ ވެސް މައްސަލައަކީ ދައުލަތުގެ ބާރުތައް ބެލެންސްކޮށްގެން ވެރިކަން ކުރުމުގެ ގާބިލްކަން ވެރިކަމާ ހަވާލުވެފައި ތިބި ބޭފުޅުންގެ އުރައްޕެއް ނެތުން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ނިޒާމާ ހަވާލުވެ ތިބި މީހުން ގާނޫނުއަސާސީގައި ބުނާ ވަކިކަމާ އެކީގައި މިނިވަންކަމާ އެކީގައި ޗެކް އެންޑް ބެލެންސް ހިފަހައްޓައިގެން އެންމެ ފަހު މަރުހަލާގައި މިކަންކަން ތަންފީޒު ކޮށްދޭން މި ހޮވާ ރައީސުލްޖުމްހޫރިއްޔާގެ އެވަރުގެ އުރައްޕެއް ނެތުން. އެވަރުގެ ކެރުމެއް ނެތުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން އެގޮތަށް ވިދާޅުވިއިރު، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމުގެ ބަހުސް މިހާރު ވަނީ ބޮޑުވެފަ އެވެ. މިކަމުގައި އެމްޑީޕީގެ އެތެރޭގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފަ އެވެ.

އިންޑިއާއާ އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަށް ފާޑު ވިދާޅުވިޔަސް، ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަވަށްޓެރި ގައުމުތަކާ ގުޅުން ކަނޑާނުލާނެ ކަމަށެވެ. އެކަމަކު އެއްވެސް ގައުމަކަށް އެކަނި ބަރޯސާވުމުގެ ސިޔާސަތެއް ނޯންނާނެ ކަމަށާއި އަދި އިސްލާމީ ގައުމުތަކާ އެކު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރަންޖެހިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ގައުމުތަކާ ގުޅުން ބާއްވާނީ އިސްލާމީ އުސޫލުތަކުން ބޭރު ނުވާނެ ގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

ނިޒާމާ ހަވާލުވެ ތިބި މީހުން ގާނޫނުއަސާސީގައި ބުނާ ވަކިކަމާ އެކީގައި މިނިވަންކަމާ އެކީގައި ޗެކް އެންޑް ބެލެންސް ހިފަހައްޓައިގެން އެންމެ ފަހު މަރުހަލާގައި މިކަންކަން ތަންފީޒު ކޮށްދޭން މި ހޮވާ ރައީސުލްޖުމްހޫރިއްޔާގެ އެވަރުގެ އުރައްޕެއް ނެތުން. އެވަރުގެ ކެރުމެއް ނެތުން،" --- ޔާމީން

"ވަކި ބައެއްގެ ޑިމޮކްރަސީ ރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް. ވަކި ބައެއްގެ ލިބަރެޓޭރިއަން ވެލިއުސް ނުވަތަ ލިބަރަލް އޯޑާސް ދިވެހިރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ބުނާއިރު އެއީ އިސްލާމީ މަންހަޖުގެ ތެރެއިން ބޭރުވާ ކަމަށް ވަންޏާ އެޔެއް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭނެ. އެކަންކަމަށް އަޅުގަނޑުމެން ނޫނެކޭ ބުނަން ޖެހޭނެ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް އަންނަން އެހެން ޕާޓީތަކާ އެކު ކޯލިޝަން ހެދިޔަސް، ރާއްޖޭގެ ރަށްތަކާއި ފަޅުތައް އެއްވެސް ބަޔަކަށް ނުލިބޭނެ އެވެ. އަދި މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިން އަދިވެސް ތިބީ އަމިއްލަ ފައިދާއަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކީއްވެގެންތޯ ހުރިހާ ލީޑަރުން ގެގްވެފައި މި ތިބީ. އަނގަމަތީގައި މަލަން އަޅާފައި މި ތިބީ. އަޅުގަނޑުމެން އެބަޖެހޭ މިހާ ހިސާބަށް އައި ބަލާލަން." ޔާމީން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާއަކީ ފަހުގެ ތާރީހުގައި ޕީޕީއެމުން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާ އެވެ. ޕްރައިމަރީއަކާ ނުލައި، ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ ޕީޕީއެމް އާއި ޕީއެންސީގެ ޖޮއިންޓް ކައުންސިލުގެ އިއްތިފާގުންނެވެ.