ގދ. ތިނަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި އޯޓިސްޓިކް ދަރިވަރެއްގައި ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ދަރިވަރަކު، ކްލާހުގެ އެހެން ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ވިދާޅުވެ، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގޮނޑީގައި އިށީނދެގެން އިން ފިރިހެން ކުއްޖެއްގެ ކައިރިއަށް އެހެން ކުއްޖަކު ގޮސް މޮނީޓަރު ފޮތެއް އަތުލައި ވާހަކަ ދައްކަން ތިބޭ ތަނެވެ. އެ ދައްކާ ވާހަކަ ސާފު ނުވިޔަސް، އެ ފޮތް ދެން ހުރި ކުއްޖާގެ އަތުން އަތުލަން އޭނާ މަސައްކަތްކުރެ އެވެ.

އެގޮތަށް ތިބުމަށް ފަހު އެ ފިރިހެން ކުއްޖާ، އިށީނދެގެން އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ތަޅައި ގަނެ އެވެ.

އެ ވަގުތު އެ ދެ ކުދިން ދުރުކުރަން ކްލާސް ރޫމުގައި ދެން ތިބި ދަރިވަރުން މަސައްކަތް ކުރެ އެވެ.

މިއީ ކޮން އިރަކު ހިނގި ކަމެއްކަން ޔަގީންވާ ގޮތެއް ނުވި އެވެ.