ގދ. އަތޮޅު މަދަރުސާގެ ދަރިވަރަކު، ޓީޗަރަށް އަނިޔާކުރީ ގޭމް ކުޅޭތީ ހުއްޓުވަން އުޅުމުން ކަމަށާއި އެ ޓީޗަރުގެ ނޭފަތް ބިނދި އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް ޓީޗަރުގެ އާއިލާ އިން ބުނެފި އެވެ.
އިންޑިއާގެ އަންހެން ޓީޗަރަކަށް ގްރޭޑް އަށެއްގެ ދަރިވަރަކު އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ބަލަމުން އަންނަ ކަމަށް އޭރު ބުންޏަސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް އިންޑިއާގެ ނޫހެއް ކަމަށްވާ "މާތުރަޕޫމި" އަށް ކެރެލާ ސްޓޭޓްގެ އަލަޕުޒާ އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ސްމިތާ އެން ޕިއްލައި ވަނީ އެ ހާދިސާ ހިނގި ގޮތް ކިޔައިދީފަ އެވެ.
މިދިޔަ އަހަރު އަލަށް ރާއްޖެ އައިސް އެ ސްކޫލުގައި ކިޔަވައިދޭން ފެށި ސްމިތާ ބުނީ އެ ދުވަހު ކްލާހުގައި ކޮމްޕިއުޓަރުން ގޭމެއް ކުޅެން އިން ދަރިވަރަކަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަން ހުއްޓާނުލީ ކަމަށެވެ.
އެހެންވެ އެ ދަރިވަރު ގޭމް ކުޅޭ މަންޒަރު ފޯނުން ރިކޯޑްކޮށް، ޕްރިންސިޕަލަށް ހުށަހަޅާނެ ކަމަށް ބުނުމުން ދަރިވަރު ކުއްލިއަކަށް ކޮންޓްރޯލުން ނެއްޓި ފުރަތަމަ ހޫރާލީ ސްމިތާގެ ފޯނު ކަމަށް ބުންޏެވެ. ހަމަލާދިނީ އޭގެ ފަހުން ކަމަށް ވެސް ސްމިތާ އެ އިންޓަވިއުގައި ކިޔައިދީފައި ވެ އެވެ.
އެ ދަރިވަރު، ސްމިތާގެ މޫނުމަތީގައި ތަކުރާރުކޮށް ޖަހައި އިސްތަށިގަނޑަށް ދަމާފައިވާ ކަމަށް އޭނާ ބުނެފައިވެ އެވެ. އެ ހަމަލާގެ ސަބަބުން ސްމިތާގެ ނޭފަތުން ލޭ އައިސް ހޭނެތުނު ކަމަށް އިންޑިއާގެ މާތުރަޕޫމި ނޫހުގައި ވެ އެވެ.
ސްކޫލުގެ އެހެން މުވައްޒަފުން ވަދެ ދަރިވަރު ހިފަހައްޓައި، ޓީޗަރު ހޮސްޕިޓަލަށް ގެންދިޔައީ ކަމަށާއި އެ ހާދިސާގައި ޓީޗަރުގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސްމިތާގެ ފިރިމީހާ ދީޕަކްއާ ހަވާދީ، މާތުރަޕޫމި ނޫހުގައި ބުނި ގޮތުގައި، ނޭފަތުގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާކަން ޑޮކްޓަރުން ކަށަވަރު ކޮށްދިނެވެ.
އެކަމަށް އޮޕަރޭޝަނެއް ކުރަން ޖެހޭތީ އާއި ރާއްޖޭގައި އެކަށީގެންވާ ސިއްހީ ވަސީލަތްތައް ނެތުމުގެ ސަބަބުން ސާޖަރީ ހެދުމަށް ސްމިތާ އިންޑިއާ އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފިރިމީހާ ދީޕަކް ބުންޏެވެ.
އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ބުންޏަސް ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީން ނުވަތަ ސްކޫލްގެ މެނޭޖްމަންޓުން ވެސް އެ އާއިލާއާ ގުޅާފައި ނުވާ ކަމަށް ދީޕަކްއާ ހަވާދީ އެ ނޫހުގައި ވެ އެވެ. އެ މައްސަލަ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނަށް ހުށަހަޅާނެ ކަމަށް ވެސް ސްމިތާގެ ފިރިމީހާ ބުންޏެވެ.
ހަމަލާ ދިން ދަރިވަރު ވަނީ އެއް ހަފުތާ އަށް ސަސްޕެންޑުކޮށް، ކައުންސިލިން އަށް ފޮނުވައިފައިވާ ކަމަށް އެ ޓީޗަރާ ހަވާދީ ނޫހުގައި ބުނެފައިވެ އެވެ. އެ ދަރިވަރަށް އެޅި ފިޔަވަޅާ މެދު އެ ސްކޫލުގައި މަސައްކަތްކުރާ އިންޑިއާގެ ޓީޗަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެ އެވެ.
އެ ސްކޫލުގައި ކެރެލާގެ 15 ވަރަކަށް ޓީޗަރުން މަސައްކަތް ކުރާއިރު، އެހެން ދަރިވަރަކު ވެސް ޓީޗަރަކަށް އިންޒާރު ދީފައިވާ ކަމަށް އިންޑިއާގެ ނޫހުގައި ރިޕޯޓު ކޮށްފައި ވެ އެވެ.