ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ޖަހަން 25،000 ޕާކިން ސްޓިކާ ޗާޕުކޮށްދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.
ޕާކިން ސްޓިކާ ޗާޕުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޓްރާންސްޕޯޓް މިނިސްޓްރީން އެދެ އެވެ.
އެކަމަށް ހުށަހަޅާ އަގު 250،000ރ. އަށް ވުރެ ބޮޑު ނަމަ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 10.67 ގައިވާ ގޮތަށް އަމަލުކުރަން ވެސް ވެސް އެ މިނިސްޓްރީން އެދުނެވެ.
ގިނަ އަދަދެއްގެ ޕާކިން ސްޓިކާ ޗާޕުކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކުރީ މި މަހުގެ ފަސް ވަނަ ދުވަހު ސަރުކާރުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށައި ބޮޑެތި މަގުތަކުގައި ބަހަށް ދަތިވާ ގޮތަށް ޕާކްކުރާ ވެހިކަލްތަކާ މެދު ފިޔަވަޅު އަޅަން ފަށާފައި ވަނިކޮށެވެ.
ފުލުހުން ވަނީ ބަސްތަކަށް ދަތިވާ ގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި އެ އުޅަނދެއް ޓޯ ކުރަން ޖެހޭ ހާލަތުގައި އެކަން ކުރާނެ ކަމަށް ވެސް ބުނެފަ އެވެ. މިދިޔަ ހަފުތާގައި އެކަނި ވެސް 500 އަށް ވުރެ ގިނަ އުޅަނދުގައި ސްޓިކާ ޖެހި އެވެ.
އުޅަނދުތަކުގައި ޖަހާ ޕާކިން ސްޓިކާ ފުލުހުންނަށް ފޯރުކޮށްދެނީ ޓްރާންސްޕޯޓު މިނިސްޓްރީންނެވެ.