ސްކޫލްތައް ކައިރި ތޮއްޖެހޭ ގޮތަށް، ގޭޓުތައް ކުރިމަތީގައި ވެހިކަލް ޕާކު ނުކުރުމަށް ފުލުުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ދިރާސީއާ އަހަރުގެ ކިޔެވުން މިއަދު ހެނދުނު 6:45 ގައި ފެށިއިރު، މާލޭގެ ސްކޫލްތައް ކައިރީގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވި އެވެ. އެހެން އަހަރުތަކާ ހިލާފަށް، ފުލުހުން މިއަދު ވަނީ ބެލެނިވެރިންނަށް އިލްތިމާސްގެ ލީފްލިޓްތަކެއް ބަހަފައިފަ އެވެ.

އެ ލީފްލެޓްގައި ފުލުހުން އެދިފައި ވަނީ، ސްކޫލްތައް ކައިރީގައި ތޮއްޖެހުން ކުޑަކުރުމަށް ބެލެނިވެރިންގެ އެހީތެރި ކަމަށެވެ. ހުރިހާ ސްކޫލްތަކެއްގެ ކައިރީގައި ވެސް މިހާރު ދިމާވަމުންދާ މައްސަލަތަކަށް އަލިއަޅުވާލައި ފުލުހުން އެދިފައި ވަނީ ސްކޫލްތައް ކައިރީގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވެހިކަލްތައް ޕާކު ނުކުރުމަށެވެ. އެއީ، އޭގެ ސަބަބުން ސްކޫލަށް ވަދެ ނިކުތުމުގައި ދަރިވަރުންނަށް ވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާތީ އެވެ.

އަމީނިއްޔާ އާއި އަރަބިއްޔާ އަދި އިސްކަންދަރު ސްކޫލް ހިމެނޭ ސަރަހައްދުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ. --ފޮޓޯ: މިހާރު
އަމީނިއްޔާ އާއި އަރަބިއްޔާ އަދި އިސްކަންދަރު ސްކޫލް ހިމެނޭ ސަރަހައްދުގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ. --ފޮޓޯ: މިހާރު

މިކަންކަމަށް ސަމާލުވާން ފުލުހުން އެދޭ

- ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގައި، އެއްގަމު އުޅަނދު ދުއްވާ މީހުން ރައްކާތެރި ދުވެއްޔެއްގައި ދުއްވުން.

- ސްކޫލުތައް ފެށޭ ގަޑި އާއި ނިމޭ ގަޑިއަކީ ތޮއްޖެހޭ ގަޑިއަކަށް ވާތީ، ޓްރެފިކް ފުލުހުންގެ އިރުޝާދުގެ ދަށުން ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުން.

- ސްކޫލް ގަޑިތަކުގައި، ކޮންމެހެން ވަންނަން ޖެހޭ އުޅަނދުތައް އެ ސަރަހައްދުތަކަށް ވަނުން. އެ ގަޑިތަކުގައި ބަރުގޮނުއަޅައި ސްކޫލް ކުދިންނާއި އާއްމުންނަށް އުނދަގޫވާ ގޮތަށް އަމަލުނުކުރުން.

ސްކޫލްތަކުގެ ގޭޓު ކުރިމައްޗާއި ދުވާރު އަދި ކަފިހުރަސްމަތީގައި ޕާކުނުކުރުން.

ގާނޫނާއި ގަވާއިދާ އެއްގޮތަށް ހުރިހާ އެންމެން ވެސް އަމަލުކުރުން.

ގިނަ ބެލެނިވެރިން ސައިކަލުގައި މިހާރު މަޑުކުރަނީ ސްކޫލްތަކުގެ ގޭޓު ކުރިމައްޗަށް ކަން ފާހަގަ ކޮށް އެ އާދަ ބަދަލުކުރަން ވެސް ފުލުހުން ނަސޭހަތްތެރިވެ އެވެ.

ފުލުހުން ބުނީ އޭގެ ބަދަލުގައި، ސައިކަލެއްގައި ދާ ނަމަ، އެންމެ ކައިރީގައިވާ ޕާކިން ޒޯނުގައި ސައިކަލް ޕާކު ކުރުމަށް ފަހު ދަރިފުޅު ގޮވައިގެން ހިނގާފައި ސްކޫލަށް ދެވިދާނެ ކަމަށެވެ. އަދި ދަރިފުޅު ބަލައި އަންނަ އިރު ވެސް އެހެން ވެހިކަލްތަކަށް ދަތި ނުވާނެހެން މަގުގެ އެއް ފަރާތުގައި ތިބެން ފުލުހުން އެދެ އެވެ.