އީރާންގެ ކުރީގެ ރައީސް ރަފްސަންޖާނީ. އުމުރުފުޅުން 82 އަހަރުގައި ރޭ ވަނީ އަވަހާރަ ވެފައި.
09 ޖެނުއަރީ 2017 - 07:38
އީރާންގެ ކުރީގެ ރައީސް އާޔަތުﷲ އަލީ އަކްބަރު ހާޝިމީ ރަފްސަންޖާނީ ރޭ އަވަހާރަ ވެއްޖެ އެވެ.
ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ރަފްސަންޖާނީ އަވަހާރަވީ ހާޓް އެޓޭކެއް ޖެހިވަޑައިގެން އިއްޔެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީ އުމުރުފުޅުން 82 އަހަރުގަ އެވެ.
އީރާންގެ ކުރީގެ ރޫޙާނީ ލީޑަރު އާޔަތުﷲ ޚުމައިނީ އިސްވެ ހުންނަވައި 1979 ގައި ގެންނެވި އިންގިލާބުގައި ވެސް މުހިންމު ދައުރެއް އަދާ ކުރެއްވި ރަފްސަންޖާނީ އަވަހާރަ ވުމުގެ ހިތާމައިގައި އީރާންގައި ވަނީ މިއަދުން ފެށިގެން ތިން ދުވަހުގެ ގައުމީ ހިތާމަ އިއުލާން ކޮށް ގައުމީ ދިދަ ބައިދަނޑި އަށް ތިރިކޮށްފަ އެވެ.
އިސްލާމީ އިންގިލާބުގެ ތެރެއިން ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވި ރަފްސަންޖާނީ އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ، ހަރުކަށި ސިޔާސަތާ އިދިކޮޅު ހައްދަވައި ހުޅުވާލެވިފައިވާ މެދުމިނުގެ އިސްލާހީ ސިޔާސަތަށް ތާއީދު ކުރައްވާ ލީޑަރެއްގެ ގޮތުގަ އެވެ.
ރަފްސަންޖާނީ އީރާންގެ ރައީސްކަން ކުރެއްވީ 1989 ން 1997 އަށެވެ.
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވީ ރަފްސަންޖާނީ އާއި އޭނާއާ ދެމެދު ޚިޔާލު ތަފާތުވުން ކިތަންމެ ބޮޑު ކަމުގައި ވިޔަސް، ރަފްސަންޖާނީ ނެތި ދިޔުމަކީ ގައުމަށް ލިބުނު ފޫނުބެއްދޭނެ ގެއްލުމެއް ކަމަށެވެ. އަދި ރަފްސަންޖާނީއަކީ އީރާންގެ މިނިވަންކަމަށް އެތައް ބުރައެއް އުފުއްލެވި ލީޑަރެއް ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1234
09 January 2017
އިސްލާމްދީނަކީ މެދުމިނުގެ ދީނެއް، މިއަދުގެ ދުނިޔޭގަ ވެސްޓަން ގަބޫލް ކުރާ މޮޑަނައިޒްޑ އިސްލާމުންނަށް ވާންޖެހޭ. މޮޑަރޭޓް މުސްލިމުން ގިނަވާވަރަކަށް ހަމަޖެހުންއަންނާނެ. ރަފްސަންޖާނީ އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށި
ޖޖ
09 January 2017
الحمد لله