ސްރީ ލަންކާގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވެ ގިނަ އަދަދެއްގެ ބަޔަކަށް ގެއްލުން ލިބިއްޖެ އެވެ.
ލަންކާގެ އެކި ސަރަހައްދުތަކަށް އިއްޔެ އާއި ރޭ ކުރި ވިއްސާރައިގައި، ބައެއް ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ. ބައެއް ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެފައިވަނީ އެއްގަމު އުޅަނދު ދުއްވަން ވެސް އުނދަގޫވާ މިންވަރަށް ކަމަށް ނޫސްތަކުން ބުނެ އެވެ.
ބައެއް ގެތަކަށް ފެން ވަދެ، މީހުން ދިރިއުޅެން ދަތިވާ ވަރަށް ބައެއް ގެތައް ހަލާކުވުމުގެ ސަބަބުންނާއި ބައެއް ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން، 61000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު މީހުންނަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް، އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވި އެވެ.
އެ ގޮތުން، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ބޭހުގެ އިތުރުން ރަޖާ ފަދަ ތަކެތި ފޯރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީ އަށް މިހާރު އަންގަވާފައިވާނެ ކަމަށް ރައީސް ރަނިލް ވިދާޅުވި އެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ހިނގި އެކި ހާދިސާތަކުގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން އެކަކު މަރުވީ ހޮނުއެޅުމުގެ ސަބަބުންނެވެ. އަނެއް ދެ މީހުން މަރުވީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގަ އެވެ.
ލަންކާ ސަރުކާރުން ބުނި ގޮތުގައި ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ އަދި ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން، 15400 އާއިލާއަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. އޭގެ ތެރެއިން ކޮލޮމްބޯ އާއި ގަމްޕަހާ ސަރަހައްދުގެ 439 އާއިލާއެއްގެ 1927 މީހަކު މިހާރު ވަނީ، ރައްކާތެރި ވަގުތީ ހިޔާތަކަކަށް ބަދަލުކޮށްދީފައި ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
އެ ދެ ސަރަހައްދުން 193 ގެއެއްގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. އަދި ފަސް ގެއެއް އެއްކޮށް ހަލާކުވެފައިވާ ކަމަށާއި ވިޔަފާރިކުރާ ނުވަ ތަނެއް ވެސް އެއްކޮށް ހަލާކުވެފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެ އެވެ.
ފުރިގެން ބަންޑުން ދިޔަ ބައެއް ކޯރުތަކުގެ ފެންގަނޑު މިހާރު ތިރިވާން ފަށާފައި ވިޔަސް، ކޯރުތަކުގެ އައްސޭރި ފަށުގައި ދިރިއުޅޭ އާއިލާތަކުގެ މީހުން އިތުރަށް ސަމާލުވެ ތިބުމަށް، ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން އިލްތިމާސްކުރެ އެވެ.
މީގެ އިތުރުން ގޮނޑުދޮށް ސަރަހައްދާ ކައިރީގައި އުޅޭ އާއިލާތައް ވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. ކޮޅިގަނޑުގެ ތެރޭގައި ވަރަށް ބޮޑަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށް ބެލެވޭތީ، މަސްވެރިން މަހަށް ނުފުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.
ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މިހާރު އެ ގައުމަށް ކުރަމުންދާ ވިއްސާރައަކީ، ދުނިޔޭގެ އުތުރު ފަޅިގެ ވަޔާއި ދެކުނު ފަޅީގެ ވައި ބައްދަލުވާ ސަރަހައްދުގެ ޖައްވުގައި ޕްރެޝަރެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މިއަދާއި މާދަމާ ވެސް މި ވިއްސާރަ ކުރިއަށް ދާނެ ކަމަށް އެ އިދާރާ އިން ބުނެ އެވެ.