ކުޑަކުދިންގެ އަދަލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެގްރީމަންޓް ހަދަން ފަސޭހަކުރަން ޕީޖީ އޮފީހުން ދެ ގަވައިދެއް އިސްލާހުކޮށްފި އެވެ.
ޕީޖީ އޮފީހުން އިސްލާހު ގެނައި ދެ ގަވައިދަކީ ޖިނާއީ ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގައި ޕީޖީ އޮފީހުން އަމަލުކުރާނެ ގޮތުގެ ގަވައިދާއި ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވައިދެވެ. އެ އިސްލާހުތައް ގެންނެވި ސަބަބުތައް ޕީޖީ ހުސެއިން ޝަމީމްގެ ބްލޮގައި ވަނީ ތަފްސީލުކޮށްދެއްވައިފަ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ހަދާ ޑައިވާޝަން އެގްރިމަންޓުގެ ބޭނުމަކީ ކުށް ކުރާ ކުޑަކުދިން ޖަލަށްލުމުގެ ބަދަލުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ފުރިހަމަ ކުރުމެވެ. އެ ޕްރޮގްރާމުތައް ފުރިހަމަ ކުރުމުން އެ ކުޑަކުދިން ދޫކޮށްލާނެ އެވެ.
ޝަމީމްގެ ބްލޮގުގައި ވިދާޅުވި ގޮތުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނު ލިޔުނު އިރު އެ ގާނޫނުގައި ދައުވާ ކުރަން ޖެހޭ މުއްދަތެއް ނެތުމުން ބަލަން ޖެހެނީ ދައުވާ ކުރުމުގެ މުއްދަތު އޮންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނަށެވެ. އެ ގާނޫނުގައި އޮންނަ ގޮތުން ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުުމުން ގޮތެއް ނިންމަން ލިބެނީ 10 ދުވަހެވެ.
ޑައިވާޝަން ޕްރޮގްރާމެއްގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ކުއްޖާގެ އެސެސްމެންޓް ހަދައި، ކުއްޖާގެ ބަހެއް ހޯދައި ވާން ޖެހޭ ތައްޔާރީތައް ވުމަށް އެއީ މާ ކުރު މުއްދަތެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ގާނޫނު އޮތް ގޮތުން، ކުއްޖާގެ އެސެސްމަންޓު ހަދައި، ކުއްޖާއާ ވާހަކަ ދައްކައި، ކުއްޖާ ބުނާ ބަހެއް ހޯދައި، ވާންޖެހޭ ތައްޔާރީތައްވެ، ޑައިވާޝަން ޕްރޮގްރާމެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ޕްރޮސިކިއުޓާ ޖެނެރަލަށް މިއޮތީ އެންމެ 10 ދުވަހެވެ. މިމުއްދަތުގެ ތެރޭގައި ބޭނުންވާ ލިޔެކިޔުން ފުރިހަމަކުރުން ދައްޗެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.
އޭގެ އިތުރުން، ޑައިވަޝަން އެއްބަސްވުމެއް ހެދުމަށްފަހު، ދައުވާ ނުކުރަން ނިންމާފައި އޮއްވާ، ޑައިވާޝަން އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ދެން ހެދޭނެ ގޮތެއްވެސް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އަލުން ދައުވާ ކުރަން ބެލިޔަސް، ދައުވާ ކުރަން އޮންނަ މުއްދަތު ހަމަވެފައިވާނެތީ މައްސަލަ އަލުން ކޯޓަށް ހުށަހެޅޭކަށް ވެސް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ހާލަތުގައި ޑައިވާޝަންގައި ބައިވެރިވުން ވެގެންދަނީ ނަތީޖާއެއް ނެތް ކަމަކަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި ގަވައިދުތައް އިސްލާހު ކުރީ، ޑައިވާޝަން އެއްބަސްވުމެއް ހެދިޔަސް، ދައުވާ ކޯޓަށް ހުށަހަޅަން ޖެހޭ މުއްދަތުގައި ކޯޓަށް ހުށަހެޅުމަށްފަހު ޑައިވާޝަން އެއްބަސްވުމާ އެއްގޮތަށް އަމަލުކުރާކަން ނުވަތަ ނޫންކަން ބަލަން އެ މުއްދަތުގައި ކޯޓުގައި މައްސަލަ ބޭއްވޭ ގޮތަށެވެ. އެގޮތުން، ޑައިވާޝަންއާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންދާނީ ކަމަށާއި އެއާ ހިލާފުވެއްޖެ ނަމަ މައްސަލަ ކުރިއަށްގެންދާނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރުން ޑައިވާޝަންއާ ހިލާފުވުމުގެ ގާނޫނީ ނަތީޖާއެއްވެސް އޮންނާނެ އެވެ." ޝަމީމް ލިޔުއްވި އެވެ.
އެހެންނަމަވެސް، ޑައިވާޝަންގެ ކަންތައްތައް ކުރިއަށްދާއިރު، ޑައިވާޝަންގެ ކަންކަން ނިމެންދެން މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަކީ ކޯޓުތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ކޯޓުތަކުން މައްސަލައެއް ފެންމަތިކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދައުވާ އަނބުރާ ގެންދިޔުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 92 ވަނަ މާއްދާ އޮތް ގޮތުން، ކޯޓުގައި އޮތް މައްސަލައެއް އަނބުރާ ގެނައުމުގެ ބާރު ޕީޖީއަށް އޮންނަ އިރު އެކަމާ ބެހޭ ހާލަތްތައް ތަފްސީލުކޮށްފައި އޮތީ ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ކަމަށެވެ.
އެހެންވެ، ކޯޓުތަކުން ފެންމަތި ކުރި މައްސަލަ ހައްލު ކުރަން، ދައުވާ އަނބުރާ ގެންދެވޭނެ ހާލަތްތައް ބަޔާން ކުރާ ޕްރޮސިކިއުޓްކުރުމުގެ ޖިނާއީ އިޖުރާއަތުގެ 26 ވަނަ މާއްދާ އަށް އިތުރު ކުރީ، ޑައިވާޝަން އެއްބަސްވުމެއް ހަދާ ކުއްޖަކު، އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާ ނަމަ ދައުވާ އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ޕީޖީ އޮފީހަށް ލިބިގެންވާ ކަމަށް ބުނާ ނަމްބަރެކެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ މައްސަލަތަކުގައި ދެން ޑައިވާޝަން ހިންގަން މަސައްކަތް ކުރާއިރު މުއްދަތު ހަމަވާނަމަ ދައުވާ ކުރަން ކޯޓަށް ހުށަހަޅާނީ އެވެ. އޭނާ ވިދާޅުވީ، ކުއްޖާއާ އެކު ޑައިވާޝަން އެއްބަސްވުމެއް ހެދިއްޖެ ނަމަ ކޯޓަށް ހުށަހަޅާ މައްސަލަ އަނބުރާ ގެންދާނީ ކަމަށެވެ. އަދި އަނބުރާ ގެންދާ ފަހުން، އޭނާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެ މައްސަލަ އަލުން ކޯޓަށް ހުށަހަޅާނީ ކަމަށެވެ.
"އެގޮތަށް ހެދުމުން، ކުއްޖާއަށް ވެސް ޑައިވާޝަން ޕްރޮގްރާމް ފުރިހަމަކުރަން ބާރު އެޅޭނެ އެވެ. ޑައިވާޝަނާ ހިލާފުވެއްޖެނަމަ، އެކަމުން ކުރިމަތިވާނެ ގާނޫނީ ނަތީޖާއެއް އޮތްކަން ކުއްޖާ އަށް ވެސް އެނގޭނެ އެވެ. އެކަން އެމަގުން ހިނގާނެ ވެސް މެ އެވެ." އޭނާ ލިޔުއްވި އެވެ.
މި އަހަރުގެ ތެރޭގައި އައްޑޫގައި 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައިވާ ދެ ކުޑަކުއްޖަކު ވަނީ ޑައިވާޝަންގެ ފުރުސަތަށް އެދިފަ އެވެ. އެހެންވެ، އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ޕީޖީ އޮފީހުން ދަނީ ކުރަމުންނެވެ.