ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާ ކަމަށާއި ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ކޮންމެ ކުއްޖަކު ޖަލަށްލާ ނަމަ އެ އުފެއްދެނީ ކުށްވެރިންގެ ޖީލެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި ބޮޑު މައްސަލައެއް ފެންމަތިވެ، ކުޑަކުދިންނަށް އަދަބު ދިނުމުގެ ބަހުސް ފެށިފައި ވަނިކޮށް ޝަމީމް 2022 ވަނަ އަހަރު އޭނާގެ ބްލޮގްގައި ޝާއިއުކުރެއްވި ލިޔުމެއް ސޯޝަލް މީޑިއާގައި އަލުން ޕޯސްޓްކުރައްވައި ވިދާޅުވީ ކުދިންނަށް ދޭންވީ އަދަބެއް ނޫން ކަމަށާއި އަދަބު ދީގެން، ކުށްކުރާ ބަޔަކު އުފެއްދުމަށްވުރެ، ކުޑައިރު ކުރެވޭ ކުށްތަކުން ދުރުހެލިކުރުވުމަށް، އެ ޅަ ސިކުނޑިތަކަށް ވިސްނައިދީ، ރިހެބިލިޓޭޓްކުރަންވީ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ކުޑައިރު ކުށްކުރެވިފައި ހުންނާނެއެވެ. އެހުރިހާ ކުަށަކަށް އަދަބުދީ، ޖަލަށްލީ ހެދި ނަމަ، މިއަދު މިވާހަކަ ދައްކާނެ ބަޔަކު މުޖްތަމައުގައި ނުއެއް ތިބޭނެއެވެ." ޝަމީމްގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

"ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކުށްކުރާ ކުޑަކުދިންނަށް ދެނީ ފަރުވާއެވެ. އަދަބެއް ނޫނެވެ. ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު ހަގު ކުރުމަކީ ވެސް މިކަމުގައި އޮތް ހައްލެއް ނޫނެވެ. އުމުރު ހަގުކޮށްގެން، ކުށެއް ކުރެވޭ ހަމަ ކޮންމެ ކުއްޖަކު ޖަލަށް ލައިފި ނަމަ، އެ އުފެއްދެނީ ކުށްވެރިންގެ ޖީލެކެވެ. އެކުދިންނަށް ރަނގަޅުވާން ބޭނުންވާނެ ސަބަބެއް ނުފެންނާނެއެވެ. އޭގެ ނަތީޖާއަކީ، ކުށުގެ ތެރޭގައި އެކުދިންގެ އުމުރު ދުއްވާލަން ފަސްނުޖެހުމެވެ."

ޕީޖީ ވިދާޅުވީ ހައްލަކީ ރިހެބިލިޓޭޝަން ކަމަށާއި އެ ފަރުވާ ދިނުމުގެ ނިޒާމެއް މިހާރު ވެސް ރާއްޖޭގައި އޮވެ އެކަން ތަންފީޒު ނުވަނީ ކަމަށެވެ.

"މިކަންކުރެވޭނެ ފަންނީ މީހުން ދިވެހިރާއްޖޭގައި އެބަތިއްބެވެ. ކުށްކުރާ އުމުރުގައި މިއުޅޭ ފަންސާހަކަށް ކުދިންނަށް، ދައުލަތުން ފޯކަސްކޮށްގެން ޕްރޮގްރާމް ހިންގިއްޖެ ނަމަ، މިކަން ވާނީ ކާމިޔާބު އިންވެސްޓްމަންޓަކަށެވެ." ޕީޖީ ވިދާޅުވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ބުނާގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ ޒިންމާ ނަގަން ޖެހެނީ 15 އަހަރުގަ އެވެ. އޭގެކުރިން ރާއްޖޭގައި އޮތީ 10 އަހަރު ފުރިފައިވާ ނަމަ އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އަދި 13 އަހަރު ފުރުމަށް ފަހު ހުރިހާ ކުށެއްގެ ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.

އެހެންވެ، އެ ގާނޫނަށް ބަދަލު ގެނެސް، ޖިނާއީ ކުށްތަކަށް 12 އަހަރުގައި ޒިންމާ އުފުލަންޖެހޭ ގޮތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ރޭ ވަނީ އިއުލާނުކޮށްފަ އެވެ.

ނަމަވެސް ޝަމީމް ޕޯސްޓްކުރައްވާފައި ލިޔުމުގައި ވެސް އޭނާ ލިޔުއްވުމުގައި ވަނީ، ކުށުގެ ވެށީގައި އުޅޭ މިފަދަ ކުދިންނަށް އަދަބު ދިނުމުގެ ބަދަލުގައި ރިހިބިލިޓޭޓްކޮށް ފަރުވާ ދޭންޖެހޭ ކަމަށެވެ.

ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން އަދި އެނޫން ވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސަންވާނެ ކަމަށް ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

ކުޑަކުދިންގެ ތެރޭގައި ހިމެނޭ ކުށުގެ މާހައުލުގައި ނުވަތަ ކުށަށް އަރައިގަތުމުގެ ނުރައްކާ އޮތް ކުދިންނާބެހޭ ކަންކަމުގައި ދައުލަތުގެ ކަމާބެހޭ އިސް އިދާރާއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން އުފައްދާފައިވާ ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސްކަން ޝަމީމް ފާހަގަކުރެއްވި އެވެ. އެހެންވެ އޭނާ ލިޔުއްވާފައިވާ ގޮތުގައި ކުށަށް ހުށަހެޅުމުގެ ނުރައްކަލުގައިވާ ކުދިން، ކުށުން ދުރުހެލިކޮށް އަނބުރާ މުޖްތަމައަށް ގެނައުމަށް މަސައްކަތް ކުރުމަކީ އެ އިދާރާގެ ޒިންމާއެކެވެ.

"ކުއްޖާ ކޮންމެ ތާކު ހުއްޓަސް، އެކުއްޖާ ކުށްކުރާކަމަށް ތުހުމަތުކުރެވޭ ނަމަ، އެކުދިންނަށް ޕްރޮގްރާމް ހިންގުމަކީ ޑީޖޭޖޭގެ ކަމެކެވެ. މިކަމުގައި ކުއްޖާއަކީ ޖިނާއީ ކުށުގެ ޒިންމާ އުފުލުމަށް އުމުރު ހަމަވާ ކުއްޖެއްކަމެއް ނުވަތަ ނޫންކަމެއް ބަލާކަށް ނުޖެހެ އެވެ." ޝަމީމް ލިޔުއްވާފައިވެ އެވެ.

ޑީޖޭޖޭއިން ހިންގާ މި ޕްރޮގްރާމްތަކުގައި ކުދިންގެ މައިންބަފައިންނާއި އާއިލާ އާއި ކިޔަވައިދޭ ތަންތަނާ އެނޫން ވެސް މީހުންގެ ބައިވެރިވުން ވެސް އޮންނަން ޖެހޭނެ ކަމަށް މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުތަކުގައި ބަޔާންކޮށްފައިވެ އެވެ.

ޝަމީމް ވިދާޅުވީ، ހޯމް މިނިސްޓްރީން 2021 ގައި ނެރެފައިވާ "ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުޑަކުދިންނާ މެދު އަވަސް ފިޔަވަޅު އެޅުމުގެ ނިޒާމާ ގުޅޭ ގަވާއިދު" އަކީ 15 އަހަރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން، ކުށްކުރުމާ ދުރުހެލިކޮށް، އެ ކުދިންނަށް ބޭނުންވާ ފަރުވާ ދީ، އެ ކުދިން ރިހެބިލިޓޭޓް ކުރުމަށް އަޅަންޖެހޭ އަވަސް ފިޔަވަޅު އެޅޭނެ ނިޒާމާ ގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގަވާއިދު ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

"މިއީ، ގާނޫނަކުން ބާރުލިބިގެން، ގަވާއިދެއް ހަދައިގެން އަޅާ ގާނޫނީ ފިޔަވަޅުތަކެކެވެ." ޝަމީމް ވިދާޅުވެފައިވެ އެވެ.

ކުށަށް ޒިންމާވާންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމާފައިވަނީ އުމުރުން 13 އަހަރާއި 14 އަހަރުގެ ކުއްޖަކު މިސްކިތެއްގެ ތެރޭގައި އެ އުމުރުގެ ކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. އެ މައްސަލައިގައި ހިމެނޭ އެއް ކުއްޖަކީ ވެސް މިފަދަ މައްސަލަތަކުގައި ކުރިން ރެކޯޑް އޮތް ކުއްޖަކަށް ވާއިރު އެ ކުއްޖާއަށް ވެސް ނިޒާމުގެ ތެރެއިން އޮތީ އަޅާނުލެވި ދޫކޮށްލައިފަ އެވެ.