ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ މަގާމަށް ކުރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހް މިއަދު އައްޔަންކޮށްފި އެވެ.

އެންޑީއޭގެ ކުރީގެ ސީއީއޯ މިދިޔަ އަހަރު މަގާމުން ވަކިކުރި ފަހުން އެ މަގާމު އޮތީ ހުސްކޮށެވެ.

އެންޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ މަގާމަށް އިމާދު އައްޔަންކުރަން އެންޑީއޭގެ ބޯޑުން ނިންމީ އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު ކަމަށެވެ. އަދި އިމާދު އެ މަގާމާ ހަވާލުވާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެންޑީއޭއިން ބުނީ މީގެކުރިން އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މިދިޔަ އޮގަސްޓް މަހު އަލުން އިއުލާންކުރީ ޕޭ ކޮމިޝަން މެދުވެރިކޮށް އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނައުމަށްފަހު ކަމަށެވެ.

ކުރިން ސިޔާސީ ދާއިރާ އާއި ތައުލީމީ ދާއިރާގައި ވެސް މަސައްކަތް ކުރެއްވި އިމާދަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ބޭފުޅެކެވެ.