އާސަހަރާ ބޭނުންކުރުން ހުއްޓާލައި ހުޅުމާލޭގައި މީހުން ވަޅުލަން އަންނަ މަހު ފަށަނީ

އަންނަ މަހުން ފެށިގެން، އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލައި، މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް ނިންމައިފި އެވެ.


ތިން ފަހަރެއްގެ މަތިން ފަސް އަޅައިގެން މިހާރު މީހުން ވަޅުލަމުން އަންނަ އާސަހަރާގައި މީހުން ވަޅުލުން ހުއްޓާލަން ގޮތަށް މީގެ އަހަރެއްހާ ދުވަސް ކުރިން ނިންމި އެވެ. އެކަމަކު، އެކަން ވަނީ ފަހުން މަޑުޖައްސާލައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އަންނަ މަހުން ފެށިގެން އާސަހަރާގައި މީހުން ވަޅު ނުލާނެ ކަމަށާއި އޭގެ ބަދަލުގައި ހުޅުމާލޭގައި މީހުން ވަޅުލުމުގެ ހުރިހާ ކަމެއް މިހާރު ގާތްގަނޑަކަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލެ އަށް ގެންދިއުމަށް ކުރިން ނިންމާފައި ވަނީ އެ ކަމަށް ހާއްސަ ފެރީއެއްގައި ކަމަށް ވިޔަސް، މިހާރު ނިންމާފައި އޮތް ގޮތުން މައްޔިތާ އުފުލާނީ ސީއެމްބިއުލެންސްގަ އެވެ. އަދި އެ ކަމަށް ދާ ހުރިހާ ހަރަދެއް އާސަންދަ އިން ކަވަރު ކުރާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސީއެމްބިއުލެންސްގައި މައްޔިތާ އެންމެ ފުރަތަމަ ގެންދާނީ ހުޅުލެ އަށެވެ. އޭގެ ފަހުން، ވަޅުލަން ހުޅުމާލެ އަށް ގެންދާނީ އެމްބިއުލެންސްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މައްޔިތާ ހިނެވުމުގެ ހުރިހާ ކަމެއް ކުރާނީ، އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި މަސްޖިދު ޒައިދު ބިން ސާބިތުގައި ހުންނަ ހިނަވާގޭގަ އެވެ. އަދި ވަޅުލުމަށް ހަމަޖައްސާފައި ވަނީ އެ މިސްކިތާ ޖެހިގެން އޮންނަ ސަހަރާގަ އެވެ.

"މިހާރު ކުރިއަށް ދަނީ އެމްއެންޑީއެފް އާއި ހޮސްޕިޓަލުތަކާއި އާސަންދައިގެ ބޭފުޅުންނާ އެކު އެ ކަމުގެ އެންމެ ފަހުގެ މަޝްވަރާތައް. އެ އަށް ފަހު، ހުރިހާ ކަމެއް ފައިނަލް ވާނެ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

މާލޭގެ ހުރިހާ ސަހަރާއެއްހެން މިހާރު ފުރިފައި ވާއިރު، އާސަހަރާގައި ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ފަސް އަޅައި، މަތިމައްޗަށް މީހުން ވަޅުލައިފަ އެވެ.