މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިފަހުން މިހާތަނަށް މާލެ ސަރަހައްދުގައި މަރުވި މީހުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ވުރެ މަދުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


މަރުވެގެން ވަޅުލި މީހުންގެ އަދަދުތައް އެކި މަސް މަސް ވަކިން އެނގޭނެހެން މާލޭ ސިޓީ ކައުންސިލުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޭޕްރިލްް 15 އިން އޮގަސްޓް 31 އަށް މާލޭގައި ވަޅުވި މައްޔިތުންގެ އަދަދަކީ 302 އެވެ. މިއަހަރުގެ އެ މުއްދަތުގައި ވަޅުލި މައްޔިތުންގެ އަދަދަކީ 264 އެވެ.

އެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި މިދިޔަ އަހަރު މާލޭގައި އެންމެ ގިނަ މީހުން ވަޅުލީ ޖުލައިމަހު އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު 81 މީހުން ވަޅުލިއިރު މި އަހަރުގެ ޖުލައިމަހު ވަޅުލީ 52 މީހުންނެވެ. މީީގެ މާނައަކީ މިއަހަރުގެ ޖުލައިމަހު މަރުވި މީހުންނަށް ވުރެ މިދިޔަ އަހަރު 29 މީހުން އިތުރަށް މަރުވެފައިވުމެވެ. މި އަހަރު އެންމެ ގިނަ މީހުން މަރުވީ މިދިޔަ އޮގަސްޓްމަހު އެވެ. އެއީ 63 މީހުންނެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު މާލޭގައި ވަޅުލި މީހުންގެ ތެރޭގައި ގިނައީ ދިވެހި ފިރިހެނުންނެވެ. އެއީ 38 އެވެ. ދެ ވަަނަ އަށް އެންމެ ގިނައިން މަރުވީ އަންހެނުންނެވެ. އެއީ 27 އެވެ. ޖުލައިމަހު ކުޑަކުދިން މަރުވި އަދަދު މިދިޔަ އަހަރު ބޮޑުތަނުން އިތުރެވެ. އެގޮތުން މިދިޔަ އަހަރު 15 ކުއްޖަކު މަރުވި އިރު މި އަހަރު ޖުލައިމަހު މަރުވީ ފަސްު ކުދިންނެވެ. މިދިޔަ އަހަރުގެ އޭޕްރިލް 15 އިން ފެށިގެން އޮގަސްޓް 31 އަށް މާލޭގައި މަރުވި ކުޑަކުދިންގެ ޖުމްލައަކީ 59 އެވެ. މި އަހަރުގެ މި މުއްދަތުގައި މަރުވީ ޖުމްލަ 12 ކުދިންނެވެ.

އެކަމަކު މާލޭގައި އަންހެނުން މަރުވި އަދަދު މި އަހަރު އިތުރެވެ. މިދިޔަ އަަހަރު މާލޭގައި 91 އަންހެނަކު މަރުވި ނަމަވެސް މި އަހަރު 107 އަންހެނަކު މަރުވި އެވެ.

ހިސާބުތަަކުން ފެންނަ ގޮތުގައި މާލޭގައި ބިދޭސީ ފިރިހެނުން ވަޅުލި އަދަދު މި އަހަރު އިތުރެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މާލޭގައި ވަޅުލީ އެކަކު ކަމަށް ވާއިރު މި އަހަރު 18 މީހަކު ވަޅުލިއެވެ. މިގޮތަށް ދިމާވީ ބެެލެވޭ ގޮތުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކޮށް، އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި އެހެން ގައުމުތަކުގެ ބޯޑަރު ވެސް ބަންދުވެފައި އޮތުމުން މައްޔިތުން ރާއްޖޭން ބާރަށް ގެންދެވޭގޮތް ނުވުމުންނެވެ.

މިތަފާސްހިސާބުތައް މިހެން ހުރި އިރު މާލެއިން މިއަހަރު މަރުވިމީހުންގެ ތެރޭގައި ކޮވިޑް-19 ޖެހިގެން މަރުވި 32 މީހުން ވެސް ހިމެނެއެެވެ.