ކަނޑުން އަރާ ފުރޭތައެއްގެ ކިބައިން ސަލާމަތްވާން އަހަރަކު އެއްފަހަރު އަންހެން ކުއްޖަކު ގުރުބާންކުރުން ނިމުމަކަށް ގެނެސްދިން ބޭކަލެއްގެ އަތްމައްޗަށް ދިވެހިން އިސްލާމްވީ ކަމަށް ތާރީހީ ލިޔުންތަކަށް ބުރަވެ މި އަންނަނީ ކިޔަމުންނެވެ.
މަޣްރިބު ކަރައިގެ މަޝްހޫރު އަރަބި ސައްޔާހު އިބްނު ބަތޫތާގެ ލިޔުއްވުމަކަށް ބުރަވެ ކިޔަމުން އަންނަނީ އަހަރަކު އެއްފަހަރު އަރާ ރަންނަމާރިއެއްގެ ކިބައިން ސަލާމަތްވަނީ ބިކުރުވެރި އަންހެން ކުއްޖަކު އެއަށް ދީގެން ކަމަށެވެ. ރަންނަމާރިއަށް ގުރުބާންކުރާ އަންހެން ކުއްޖާ ހޮވަނީ ގުރުއަތުން ކަމަށާއި މިކަން ނިމުމަކަށް އައީ މާލެ އައިސް ހުރި މަޣްރިބް ކަރައިގެ ބޭކަލެއް ކަމަށްވާ އަބުލްބަރަކާތުލް ބަރްބަރީ އަށް މިކަން އެނގިވަޑައިގެން އަންހެން ކުއްޖާގެ ބަދަލުގައި ބުދު ފައްޅިއަށް ވަޑައިގެން އެތަނުގައި އިނދެ ގުރުއާން ކިޔަވާ ވިދާޅުވާން އިންނެވުމުން ރަންނަމާރި ބިރުން ފިލައިގެން ދިއުމުން ކަމަށް އިބްނު ބަތޫތާ ގާތު ބައެއް މީހުން ކިޔައިދިން ކަމަށް ލިޔުއްވާފައިވެ އެވެ.
ހިޖުރައިން 548 ގައި ހިނގި ކަމަށް ބުނާ މި ހާދިސާއާ ގުޅުން ހުރި ފުލޯކް ވާހަކައެއް މިސްރުގައި ވެސް އޮވެ އެވެ.
އެ ވާހަކާގައި ކިޔައި އުޅެނީ މިސްރުގެ ފާގަތިކަމާ ގުޅިފައި އޮތް ނީލް ކޯރަށް ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި، ބިކުރުވެރި އަންހެން ކުއްޖަކު އެއްލާލައި ގުރުބާންކުރާ ކަމަށެވެ. ފިރުއައުނުންގެ ޒަމާނުގައި މިކަން ކުރި ކަމަށް ކިޔައި އުޅެނީ ނީލް ކޯރުގެ ފެންގަނޑު ބޮޑުކޮށް ދަނޑުގޮވާން ކުރުމަށް ބޭނުންވާ ފެން ހޯދުމަށެވެ. މިކަމަށް ބޭނުންވާ ވަރަށް ފެންގަނޑު ބޮޑުވަނީ "ކަލާނގެ" އަށް ގުރުބާންކުރާ އަންހެން ކުއްޖާގެ ސަބަބުން ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް ފުލޯކް ވާހަކަތަކުގައި ހުރެ އެވެ.
އީދެއް ގޮތަށް ފާހަގަކުރަމުން އައި މި ކަންތައް ނިމުމަކަށް އައީ މުސްލިމުން މިސްރު ހިފި ފަހުން، ޚަލީފާ އުމަރް އިބްން ޚައްތާބްގެ އަމުރުފުޅަށް ކަމަށް ވެސް ކިޔަ އެވެ.
އެކަމަކު މިސްރުގެ ތާރީހީ އިލްމުވެރިން ގަބޫލުކުރައްވާ ގޮތުގައި މިއީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ. އެވޭލާ މިސްރު މީހުންނަކީ އަނިޔާވެރި ބައެއް ނޫން ކަމަށާއި މިއީ މިސްރުގެ ނަން ހުތުރު ކުރުމަށް ބަޔަކު ދައްކާ ވާހަކައެއް ކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.
މިހާރު އަވަހާރަ ވެފައިވާ، މިސްރުގެ ތާރީހީ އިލްމުވެރިއެއް ކަމަށްވާ އަލް މަޣްރީޒީ "އަލް ޚުތާތު އަލް މަޣްރީޒިއާ" ގައި ލިޔުއްވާފައިވާ ގޮތުގައި މިސްރުގެ ނީލް ކޯރަށް އަންހެން ކުއްޖަކު ގުރުބާން ކުރަމުން ދިއުން ހުއްޓުވީ އަމްރް އިބްން އަލް އާސްގެ ކޮމާންޑަރުކަމުގައި މުސްލިމުން މިސްރު ހިފި ފަހުންނެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި މިކަމާ ބެހޭ ގޮތުން އަލް އާސް، މުސްލިމުންގެ ޚަލީފާ އުމަރު އިބްން ޚައްތާބަށް ސިޓީއެއް ފޮނުއްވި އެވެ. އުމަރުގެފާނު މި ސިޓީއާ ގުޅިގެން ސިޓީއެއް ފޮނުއްވީ މިސްރުގެ ނަސާރާ ގަވަރުނަރު މުޤައުޤިސް އަށް ކަމަށާއި އެ ސިޓީގައި އޮތީ އެ ގެންގޮސް ނީލް ކޯރަށް އެއްލައިލުމަށް ކަމަށް މަޣްރީޒީގެ ފޮތުގައިވެ އެވެ.
ސިޓީގައި ހުރީ "ފެން ފޮނުއްވުމަށް އެދި ކަލާނގެއަށް ދަންނަވާފައިވާ މަތިވެރި ކަލިމަތަކެއް" ކަމަށާއި އެ ސިޓީ ކޯރަށް އެއްލައިލުމުން އަނެއް ދުވަހު އޮތީ ފެންގަނޑު ބޮޑުވެފައި ކަމަށް މިސްރު މީހުން ބުނެ އުޅެ އެވެ. ކޯރަށް އަންހެން ކުއްޖަކު އެއްލައި ގުރުބާންކުރުން ނިމުމަކަށް އައީ މީގެ ފަހުން ކަމަށް ބުނެ އުޅެ އެވެ.
ނީލް ކޯރަށް ހަދިޔާއެއްގެ ގޮތުން އެ ކޯރަށް ސިޓީއެއް އެއްލުމަށް ވިދާޅުވުމަކީ މުސްލިމުންގެ ޚަލީފާ އަކު ކުރައްވާނެ ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ
އެކަމަކު މިސްރުގެ ތާރީހް ދިރާސާކުރައްވާ ގިނަ ބޭފުޅުން މި ވާހަކަ ގަބޫލެއް ނުކުރައްވަ އެވެ. ރިސާޗަރެއް ކަމަށްވާ ބައްސާމް އަލް ޝައްމާ މިސްރުގެ ޑެއިލީ ނިއުސް އަށް މިކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވެ އެވެ.
"މިސްރުގައި އޭރު ތިބި ނަސާރާއިން އަލް އާސްއާ ބައްދަލުކޮށް، ހުސްހަށިބައި ބިކުރުވެރި އަންހެން ކުއްޖަކު ގުރުބާންކުރުމަށް އެދުނު ކަމަށް ބުނާއިރު މިފަދަ ކަމަކީ ނަސާރާއިންގެ އަގީދާއަށް ބަލާއިރު ވެސް އެ މީހުން ކުރާ ކަމެއް ނޫން. މިސްރަށް ނަސާރާ ދީން އައުމަށް ފަހު ކިތައް ހަށިގަނޑު [ކުނި ނުވާ ގޮތަށް] މަމިފައި ކުރި. އެންމެ ހަށިގަނޑެއް ވެސް ނުކުރޭ،" ޝައްމާ ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ކޯރުގެ ވަކި ހާއްސަ ތަނަކަށް އަޅަކު ގުރުބާންކުރާ ވާހަކަ ވެސް އޮންނަ ކަމަށާއި އެކަމަކު އެކަން ކުރަނީ އަޅުން އެ މީހުންގެ އާއިލާގެ އަތުން ޖަހައިގަނެގެން ގެންގޮސް ކަމަށް ބުނާއިރު އަޅުންނަކީ އާއިލާއާ އެކު ތިބޭ ބައެއް ނޫން ކަމަށެވެ.
"ނީލް ކޯރަށް ހަދިޔާއެއްގެ ގޮތުން އެ ކޯރަށް ސިޓީއެއް އެއްލުމަށް ވިދާޅުވުމަކީ މުސްލިމުންގެ ޚަލީފާ އަކު ކުރައްވާނެ ކަމެއްގެ ގޮތުގައި ގަބޫލެއް ނުކުރެވޭ،" ޝައްމާ ތަފްސީލްކޮށްދެއްވާފައިވެ އެވެ. އޭނާ ވިދާޅުވީ ބިކުރުވެރި އަންހެން ކުދިން ނީލް ކޯރަށް ގުރުބާންކުރި ކަމަށް ބުނާ ވާހަކައަށް ބާރު ލިބޭ އެއްވެސް ހެއްކެއް ނެތެވެ. އެކަމަކު ކިނބުލާއި ވަލު ޖަނަވާރާއި ދޫނި ފަދަ ތަކެތި ރީތި ހެދުން ލައްވައިގެން ދީނީ ގޮވެލިތަކާ އެކު ކޯރަށް އެއްލާލާ ކަމަށް ބުނާ ތާރީހީ ލިޔުންތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
"އެކަމަކު ބިކުރުވެރި އަންހެން ކުއްޖެއްގެ ވާހަކައެއް ނުފެނޭ."
އެކަމަކު ގްރީކްގެ ތާރީހީ ލިޔުންތެރިއެއް ކަމަށްވާ ޕްލުޓާޗް ލިޔުއްވާފައި ވަނީ ނީލް ކޯރަށް އަންހެން ކުއްޖަކު ގުރުބާންކުރާ ކަމަށާއި ކަލާނގެ ކޯފާއިން ސަލާމަތްވުމަށް ކަމަށް ބުނެ އެކަން ފުރަތަމަ ކުރީ މިސްރުގެ ރަސްކަލެއް ކަމަށްވާ އިޖިޕްޓޮސް ކަމަށް ބުނެފައިވެ އެވެ. ގްރީކްގެ އެތައް ބަޔަކު މި ވާހަކަ މިގޮތަށް ދައްކަ އެވެ. އިޖިޕްޓޮސް އޭނާގެ އަމިއްލަ އަންހެން ދަރި ގުރުބާންކުރުމަށް ފަހު އަމިއްލައަށް ކޯރުގައި މަރުވީ ކަމަށްވެ އެވެ.
ކޮންމެ އަހަރަކު އަންހެން ކުއްޖަކު ގުރުބާންކުރަން ފެށީ އޭގެ ފަހުން ކަމަށް އެ ވާހަކަތަކުގައި ބުނެ އެވެ.
އެކަމަކު ޝައްމާ ވިދާޅުވަނީ މިސްރުގައި އިޖިޕްޓޮސް ކިޔާ ރަސްކަލެއް ރަސްކަން ނުކުރާ ކަމަށެވެ.
އެކަމަކު މިސްރަށް 17 އަދި 18 ވަނަ ގަރުނުގައި ގޮސް އުޅުނު ޓޫރިސްޓުންނަށް، އަންހެނެއްގެ ސޫރައަށް ހަދާފައި ހުންނަ މަށީގެ ބުދެއް ނީލް ކޯރަށް ފައްތައި ބޮޑު ހަފްލާއެއް ބާއްވާތީ ފެނިފައިވާ ކަމަށް ބުނެ އެވެ. އެ މީހުން ބުނާ ގޮތުން އެކަމާ ސުވާލުކުރުމުން އެއީ ބިކުރުވެރި އަންހެން ކުއްޖެއް ގުރުބާން ކުރަމުން އައިސް އޭގެ ބަދަލުގައި ކުރަން ފެށި ކަމެކެވެ. މިސްރުގެ މި ފްލޯކާ ބެހޭ ފިލްމު ވެސް ހަދާފައި އެބަހުއްޓެވެ.
އެކަމަކު މިސްރުގެ ތާރީޚް އިލްމުވެރިން ވިދާޅުވަނީ މި ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.
ރާއްޖެ އިސްލާމްވި ގޮތް ކަމަށް ބުނާ ހާދިސާ އަކީ ޔަގީންކަމެއް ނެތް ވާހަކައެކެވެ. ރާއްޖެ އަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމުމުގެ މެދުވެރިއަކަށްވީ އަބުލްބަރަކާތުލް ބަރްބަރީ އަލްމަޣްރިބީ ކަމަށް އިބްނު ބަތޫތާ ލިޔުއްވާފައި ވިޔަސް އެ ނަމާ މެދު ވެސް ހިލާފްތަކެއް އެބަ ހުއްޓެވެ. އެ ބޭކަލަކީ އަބުއްރިކާބް ޔޫސުފް އައްތަބްރޭޒީ ނުވަތަ މައުލާނާ އައްޝައިޚް ޔޫސުފް ޝަމްސުއްދީން އައްތަބްރޭޒީ ކަމަށް ވެސް އެނގެން އެބަހުރި ކަމަށާއި ބަރްބަރީ އަކީ ލިޔުމުގެ އޮޅުމެއް ކަމަށް މަޝްހޫރު ތާރީހު އިލްމުވެރިޔާ މުހައްމަދު އިބްރާހީމް ލުތުފީ ލިޔުއްވާފައިވެ އެވެ.
މަޣްރިބް ނުވަތަ މޮރޮކޯގެ ތާރީހީ ފޮތްތަކުގައި އަބުލްބަރަކާތުލް ބަރްބަރީ އަކީ އުޅުއްވި ބޭކަލެއް ކަމާއި ރާއްޖެއަށް ވަޑައިގެންކަން އެނގެން އެބަހުރި ކަމަށް އެ ގައުމުގެ ބައެއް ލިޔުންތަކުގައި އެބަހުއްޓެވެ.
އެއީ ކޮންމެ ބޭކަލަކަށް ވިޔަސް ތާރީހީ ލިޔުންތަކަށް ބަލައި މިހާރު ގަބޫލުކޮށްފައި މި ވަނީ ދިވެހިން އުޅެމުން އައި ބުދު ދީން ދޫކޮށް ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ގޮތުން އިސްލާމް ދީން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރު ކުރެއްވީ ރަބީއުލް އާޚިރު 2، 548 ގައި ކަމަށެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އޭރު ހުންނެވި ރަސްގެފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު ނަންފުޅަކީ އައްސުލްތާން މުހައްމަދު އިބްނު އަބުދުﷲ ސިރީ ބަވަނަ އާދީއްތަ މަހާރަދުން (ދަރުމަވަންތަ ރަސްގެފާނު) އެވެ.