ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޓޫރިޒަމަށް ހާއްސަ ފެކަލްޓީ އިންޓަނޭޝަލް ފެންވަރުގައި އެކްރެޑިޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑެޕިއުޓީ ޗާންސެލާ ޑރ. މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުންފާހަގަ ކުރުމަށް އެމްއެންޔޫ އާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މިއަދު ބޭއްވި ހިނގާލުމުގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޝަރީފު ވިދާޅުވީ އެ ޔުނިވާސިޓީގެ އަމާޒަކީ ޓޫރިޒަމް ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ލިބޭ ސެޓްފިކެޓަކީ މުޅި ދުނިޔޭގައި ބަލައިގަންނަ ސެޓްފިކެޓަކަށް ހެދުން ކަމަށެވެ. އަދި ރާއްޖޭގެ އާބާދީގެ އެންމެ ގިނަ މީހުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިރު، ތައުލީމީ ގާބިލް ބަޔަކު އެ ދާއިރާއަށް ނެރުމަކީ އެ ޔުނިވާސިޓީގެ މަގުސަދު ކަމަށް ވެސް ވިދާޅުވި އެވެ.
އެމްއެންޔޫއިން ބޭއްވި ހިނގާލުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މިނިސްޓްރީގެ އިސްވެރިންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބައެއް ކުންފުނިތަކާއި ޖައްމިޔާތަކާއި މާލޭގެ އެކި ސްކޫލުތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ދަރިވަރުން ވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ހިނގާލުމުގައި ދަރިވަރުން ވަނީ ޓޫރިޒަމް ދާއިރާ އާއި ތިމާވެއްޓާއި ގުޅުން ހުރި އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ބޭނުންކޮށްފަ އެވެ.
އެ ހިނގާލުމުގައި ދަރިވަރުންގެ ހިތްތަކުގައި ޓޫރިޒަމް ދާއިރާއަށް ލޯބި ޖައްސައި އެ ދާއިރާއަށް އަހުލުވެރިކުރުވައި ދާއިރާގައި ހުރި ފުރުސަތުތަކުގެ މައުލޫމާތުތައް ހިއްސާ ކުރުމުގެ ގޮތުން އެމްއެންޔޫއިން ތައުލީމު ހާސިލުކޮށް މިހާރު ޓޫރިޒަމްގެ ދާއިރާގައި އުޅޭ ބައެއް ފަރާތްތަކުން ވަނީ އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
އެ ހިނގާލުން ނިންމާލުމަށް ފަހު ދަރިވަރުންނާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް 50 އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް އުޖާލާކޮށްދިނުމުގެ މަސައްކަތުގައި ދަރިވަރުން ބައިވެރިވުމަށް މިނިސްޓަރު ގޮވާލެއްވި އެވެ.
އެމްއެންޔޫގެ މައި މަރުކަޒުން ފެށި ހިނގާލުން ނިންމާލާފައި ވަނީ ސޯޝަލް ސެންޓަރަށެވެ. އެ ހިނގާލުމުގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ ފަޔަ އެންޑް ރެސްކިއު ސްޓޭޝަން ސަރަހައްދުގައި ބައިވެރިން މަޑުކޮށް، ވަން ޝޮޓްގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ވަނީ ދައްކާލާފަ އެވެ. ހިނގާލުން ނިންމާލީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކޮށް ކޭކެއް ފަޅައި ވަން ޝޮޓާ އާއި އެމްއެންޔޫ ސްޓޫޑެންޓް ޔޫނިއަންގެ ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތަކަކުންނެވެ.