އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އިން ހދ. އަތޮޅުގެ ތިން ރަށެއްގައި ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ބާއްވައިފި އެވެ.
ބިއުޓިފުލް އައިޒް ޖަމިއްޔާއާ ގުޅިގެން މިދިޔަ ހަފުތާގެ ބުދަ ދުވަހުން މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ބޭއްވި ކޭމްޕުގައި ވަނީ އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ދަތިތައް ހުންނަ 90 އަށް ވުރެ ގިނަ ކުޑަކުދިންނަށް ނޮޅިވަރަމްފަރާއި ނޮޅިވަރަމް އަދި ކުޅުދުއްފުށީގައި ހިލޭ ޓެސްޓުތައް ހަދައިދީފަ އެވެ.
ރާއްޖެ އިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ކޮންސަލްޓޭޝަނާއި ޑައިގްނޯސިސް އަދި އިންޑިވިޖުއަލް އެސެސްމަންޓާއި އޯޑިއޯމެޓްރިކް ޓެސްޓު ވެސް ހެދި އެވެ.
ކުޑަކުދިންގެ ހައްގުތަކުގައި ވަކާލާތުކުރަން އުފައްދާފައިވާ ޖަމިއްޔާ އިން ބުނީ، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގައި މަސައްކަތްކުރާ 70 އަށް ވުރެ ގިނަ ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖް ޓީޗަރުންނަށް އަމާޒުކޮށް ނޮޅިވަރަންފަރު އަދި ކުޅުދުއްފުށީގައި ވަކިވަކިން ދެ ދުވަހުގެ ވޯކްޝޮޕެއް ވެސް ހިންގި ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމުގައި ބޭނުން ކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަ ދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް، އެ ކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިއްމު މައުލޫމާތު އެ ވޯކްޝޮޕްގައި ކިޔައި ދިނެވެ.