އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުށް ސާބިތު ވިޔަސް، އަދަބު ކަނޑައެޅުމުގެ މަޖިލިސް ފަސްނުކޮށް ނުދޭތީ އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން އެ މަނިކުފާނުގެ ވަކީލުން މިއަދު ދެކޮޅު ހަދައިފި އެވެ.

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވެފަ އެވެ. ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ރިޝްވަތުގެ ކުށުގައި 8 އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އިއްވައި ދިނުމަށެވެ.

މިއަދު މެންދުރު ބޭއްވި މަޖިލީހުގައި ޔާމީންގެ ވަކީލުންގެ ވިދާޅުވީ ދައުލަތުން ދެއްކި ވާހަކަތަކަށް ބަލާއިރު، ހުކުމް އަންނާނެ ގޮތް ދައުލަތަށް ދުރާލާ އެނގިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު ދައުލަތުން އެކަން ދޮގުކުރި އެވެ.

އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ހުކުމް އަންނާނެ ގޮތް އެއްވެސް ފަރާތަށް ދުރާލާ ނޭނގޭ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް، ކުށް ސާބިތުވެއްޖެ ނަމަ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އޮންނާނެ ކަން ދެ ފަރާތަށް ވެސް އަންގާފައިވާނެ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމަށް އޮތް ޝަރީއަތަށް، ރައީސް ޔާމީން ކޯޓަށް ވަންނަވަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވުމަށް އޮތް ޝަރީއަތަށް، ރައީސް ޔާމީން ކޯޓަށް ވަންނަވަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޔާމީންގެ ވަކީލުން އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން މަޖިލީހަކަށް ފަސްކުރުމަށެވެ. އެހެން ނަމަވެސް އިސް ގާޒީ ވިދާޅުވީ ގަވާއިދުގައި އޮންނަ ގޮތުން އެހެން މަޖިލީހަށް ފަސްކުރުން ލާޒިމް ނޫން ކަމަށެވެ. ގަވާއިދުގައި އޮންނަނީ 10 ދުވަސް ތެރޭގައި އަދަބު ކަނޑައަޅަންޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުން ވިދާޅުވީ އެ ފުރުސަތު ދެވެން ނެތްނަމަ، އަދަބާ ބެހޭގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

"މި ހާލަތުގައި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒްކުރާ ކަމުގައި ދަންނަވަން." ޔާމީންގެ ވަކީލުން ވިދާޅުވި އެވެ.

ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ދިރާސާ ކުރުމެއް ނެތި އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި އަދަބާ ބެހޭގޮތުން ޔޫސުފް ނައީމްގެ ފަރާތުން ބައެއް ހުށަހެޅުންތައް ހުށަހަޅަން އެބަހުރި ކަމަށް ވަކީލުން ބުންޏެވެ. އެހެން ނަމަވެސް އަދަބާ ބެހޭގޮތުން ޔޫސުފް ނައީމްގެ ވަކީލުން ވާހަކަ ދެއްކި އެވެ.

ޔޫސުފް ނައީމްގެ އަދަބު ވެސް ބޮޑުކުރަން ދައުލަތުން އެދިފައިވާތީ އޭގެ ރައްދުގައި ދިފާއީ ވަކީލުން ވިދާޅުވީ އަދަބުގެ ދަރަޖަ މަތިކުރަންޖެހޭ އެއްވެސް ކަމެއް ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

މީގެ އިތުރުން ޔޫސުފް ނައީމަށް އެފަަދަ އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށާއި އެހެންވެ، ފަނޑިޔާރަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ ދަށްކުރަން ވަކީލުން އެދުނެވެ. އަދި މިއީ މުޖްތަމައުއަށް ނުރައްކާތެރި އަދި ޖިނާއީ ބޮޑު ކުށެއް ވެސް ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.

ޔޫސުފް ނައީމަކީ ސިއްހީ ގޮތުން ވެސް ބަލި ބޭފުޅެއް ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި އޭނާގެ ހަތަރު ކުޑަކުދިންނާއި ހަރަދު ކުރަންޖެހޭ މައިންބަފައިން ވެސް އެބަތިބި ކަމަށް ވަކީލުން ވިދާޅުވި އެވެ.

ވަކީލުން އެދުނީ ޔޫސުފް ނައީމްގެ އަދަބުގެ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމަކަށް ކުޑަކުރުމަށް ފަހު އޭގެ އެއް ބައި ގޭ ބަންދުގެ އަދަބަކަށް ބަދަލު ކުރުމަށެވެ. ޖޫރިމަނާގެ އަދަބެއް ވެސް ހިމަނައި ދިނުމަށް ވަކީލުން އެދުނެވެ.

ދެން އޮންނާނީ އަދަބާ މެދު ކޯޓުން ގޮތެއް ނިންމުމެވެ. އެ މަޖިލިސް އިރުކޮޅަކުން ފަށާނެ އެވެ.