އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މިދިޔަ އާދީއްތަދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކޮށް، ރާއްޖޭގެ ރައީސްކަމަށް އިންތިހާބުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ގޮވާލައި ޕީޕީއެމާއި ޕީއެންސީގެ ސެނެޓުން މިރޭ ގަރާރެއް ފާސްކޮށްފި އެވެ.

ޕީޕީއެމާއި ޕީއެންސީގެ 89 ސެނެޓަރުންގެ ވޯޓުން ފާސްކުރި ގަރާރުގައި ބުނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީނަށް ޖަލު ހުކުމެއް އިއްވާފައި ވަނީ "ޖާނީ ދުޝްމަނުން މެދުވެރިކޮށް ފާސިގު ހެކި އުފައްދައިގެން" ކަަމަށެވެ. އެއީ އިސްލާމީ ޝަރީއާ އާއި ގާނޫނުތަކާ ވެސް ޚިލާފު ހުކުމެއް ކަމަށް ގަރާރުގައި ބުންޏެވެ.

އެ ހުކުމް ބާތިލްކޮށް ޔާމީނަށް ދެމުންދާ އަނިޔާ ހުއްޓުވަން ކޯލިޝަންގެ ހުރިހާ މެމްބަރުން މަސައްކަތްކުރަން ގަރާރުގައި ގޮވާލި އެވެ.

ޔާމީން މިނިވަންކުރަން ޕީޕީއެމުން މިރޭ ގަރާރު ފާސްކުރުމުގައި ބައިވެރިވި ސެނެޓަރުން. -- ފޮޓޯ | ޕީޕީއެމް
ޔާމީން މިނިވަންކުރަން ޕީޕީއެމުން މިރޭ ގަރާރު ފާސްކުރުމުގައި ބައިވެރިވި ސެނެޓަރުން. -- ފޮޓޯ | ޕީޕީއެމް

"އެ މަނިކުފާނު ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ހިނދު، ރާއްޖޭގެ ޝަރުއީ ނިޒާމަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވައިގެން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ ސަބަބުން ރާއްޖޭގެ ފަނޑިޔާރު ގެތަކަށާއި އަދުލު އިންސާފުގެ ދާއިރާ އާއި ތަހުގީގީ އިދާރާތަކަށް ރައްޔިތުން ކުރާ އިތުބާރު އެއްކޮށް ގެއްލި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ އާއްމުވެ އެކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ނުތަނަވަސްކަން، [ވެރިވެފައިވެ އެވެ]،" ގަރާރުގައިވެ އެވެ.

ގަރާރުގައި ބުނީ ޔާމީނަށް އަނިޔާދިނުމާ އެކު ގާނޫން އަސާސީން އިމެއް ނެތި ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ސަރުކާރުން ހިސޯރުކުރަމުންދާ ކަަމަށެވެ. ހަޅުތާލުކުރުމާއި އެއްވެ އުޅުމުގެ ހައްގު ބޭނުންކުރިޔަ ނުދޭން ސަލާމަތީ ބާރުތައް ލައްވައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް މީހުންނަށް ޖިސްމާނީ އަނިޔާދީ، ހައްޔަރުކުރަމުންދާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލައި ޕެރަލައިޒްކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާދިނުމަށާއި ޔާމީން މިނިވަންކުރަން ބަޔާންތައް ނެރުމަށާއި މުޅި ރާއްޖޭގައި އިހްތިޖާޖްކުރަން ގޮވާލާފައިވެ އެވެ.

ސެނެޓުގެ ބައްދަލުވުމުގައި އަދުރޭ އާއި ސެކްރެޓަރީ ޖެނެރަލް ތޮލާލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕީޕީއެމް
ސެނެޓުގެ ބައްދަލުވުމުގައި އަދުރޭ އާއި ސެކްރެޓަރީ ޖެނެރަލް ތޮލާލް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕީޕީއެމް

ގަރާރުގައި ބުނީ ޔާމީން ޖަލަށް ލީ ރައްޔިތުންގެ އެދުމާއި އުއްމީދުތަކާ އެއްގޮތަށް މަސައްކަތްކުރަން ފުރުސަތު ނުދީ، އިންތިހާބުގައި ވާދަކުރުމުގެ ހައްގު ގެއްލުވާލުމަށެވެ. އެހެންކަމުން ޔާމީން މިނިވަންކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ސެނެޓަރުން ގަރާރު ފާސްކޮށް އެއްބަސްވި އެވެ.

މި މަސައްކަތުގައި ޕީޕީއެމާއި ޕީއެންސީ އެކުގައި ތިބެން އަހުދުވެ އަދާވާތްތެރިން ޕާޓީ ބައިބައިކޮށްލަން ޖާގަ ނުދިނުމުގެ އަޒުމް ވެސް ގަރާރާ އެކު މިރޭ އާކުރި އެވެ.

މި ގަރާރަށް ވާހަކަ ދެއްކެވި ގިނަ ސެނެޓަރުން ވިދާޅުވީ ޔާމީނަށް ހުކުމް އިއްވީ ނުހައްގުން ކަމަށާއި ބޭނުމަކީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުން ކަމަށެވެ. އެއީ އަދުލުވެރި ހުކުމެއް ނޫން ކަމަށާއި ހުކުމުގައި ބުނާ ސަބަބުވެރި އިންސާނާގެ ބުއްދި ކަމަށް ބުނެފައި ވަނީ މިވެެރިކަމުގައި ހިންގާ ހުރިހާ ގޯސް އަމަލުތެއް ކަމަށް ވެސް ބައެއް ސެނެޓަރުން ވިދާޅުވި އެވެ.

ގަރާރަށް ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި މި ފެންނަނީ ދުވަހަކު ވެސް ނުފެންނަ ވަރުގެ އަނިޔާވެރި، ހުދުމުހުތާރު ސަރުކާރެއް ހިންގާތަން ކަމަށެވެ. ޔާމީން ޖަލަށް ލީ މި ގައުމަށް ގެންނެވި ތަރައްގީ އާއި ތަހުޒީބުގެ ސަބަބުން އުފެދުނު ނަފްރަތު ފުޅާވެ ބަދަލު ހިފުމެއްގެ ގޮތުން ކަަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ތަހުޒީބާއި ވިދުމެއް މި ރާއްޖެއަކުން ފިލުވައެއް ނުލެވޭނެ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޔާމީން މިނިވަންކުރަން ކުރާ މަސައްކަތުގައި އެކަކަށް ވަންދެން އޭނާ އަޒުމަށް ގުޑުމެއް ނާރައި ހުންނަވާނެ އެވެ.

ޕީޕީއެމްގެ ތަރުޖަމާން، ހީނާ ވަލީދު ވިދާޅުވީ ޔާމީން ޖަލަށް ލައިގެން ސަރުކާރަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށެވެ. މި ގައުމުގެ ވެރިކަމުގައި 2023 ގައި ހުންނަވާނީ ޔާމީން ކަމަށް ވިދާޅުވި އެވެ.

ކައުންސިލް ބައްދަލުވުމުގައި ޔާމީން މިނިވަންކުރަން ގޮވާލަނީ. -- ފޮޓޯ | ޕީޕީއެމް
ކައުންސިލް ބައްދަލުވުމުގައި ޔާމީން މިނިވަންކުރަން ގޮވާލަނީ. -- ފޮޓޯ | ޕީޕީއެމް

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާއާ އެކު ހަދާފައިވާ އަޑި ނޭނގޭ ހުރިހާ އެއްބަސްވުންތަކެއް ރައްޔިތުންނަށް ހާމަކޮށް، އެ ދުވަހަކުން އެ ހުރިހާ އެއްބަސްވުންތަކެއް އުވާލާނެ އެވެ. އަދި ގައުމަށް ގައްދާރުވީ އެންމެންނަށް ގާނޫނުގައި ކަނޑައަޅާފައިވާ ހައްގު އަދަބު ދޭނެ ކަމަށް ވިދާޅުވި އެވެ.

"ދެހާސްތޭވީސް ވަނަ އަހަރުގެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު، ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ރައީސް ޔާމީން،" ހީނާ ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވީ ސެނެޓަށް ފާސްކުރަން ހުށަހެޅީ ވަރަށް ތާއީދުކުރައްވާ ގަރާރެއް ކަމަށެވެ. މި ސަރުކާރުގެ ކަނޑުކޮސް ވިސްނުމާ މެދު ހައިރާންވެވަޑައިގަންނަވާ ކަަމަށާއި ގޮޅިއަކަށް ލައިގެން ޔާމީންގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ފުރާނަ ހުރިހާ ހިނދަކު އެމަނިކުފާނުގެ އަޑެއް ކަނޑުވައެއް ނުލެވޭނެ. އަޅުގަނޑުމެންގެ ޕީޕީއެމްގެ ލަޝްކަރު މިއޮތީ ވަރަށް ބަދަހިކޮށް،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށާއި ވެރިކަމަށް އިންތިހާބުކުރާނީ ވެސް ޔާމީން ކަމަށެވެ.

ސެނެޓުގެ ބައްދަލުވުން ނިންމާލުމުގެ ކުރިން، މިރޭ ރިޔާސަތު ބެލެހެއްޓެވި އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް އަނިޔާވެރިވުމުގައި މި ސަރުކާރު މިއޮތީ ހައްދުފަހަނާޅައި ގޮސްފައި ކަމަށެވެ. އިތުރަށް ދެން ކުރެވޭނެ ކަމެއް އޮތް ނަމަ އެކަން ވެސް ކުރާނެ ކަަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން ވިސްނަންވީ އިތުރަށް މި އަނިޔާވެރިންނަށް ފުރުސަތު ނުދީ އަޅުގަނޑުމެންގެ ހުރި ހިތްވަރަކާއި ފަންވަރެއް ދައްކައިގެން ރައީސް ޔާމީން އަވަހަށް މިނިވަންކުރެވޭތޯ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔާމީނަކީ ކުށްވެރިއެއް ނޫނެވެ. އެމަނިކުފާނު ވަނީ މިވެރިކަމުގެ ވަކިތަކުގެ ތެރޭގައި ތާށިވެފައި ކަަމަށާއި ޕީޕީއެމާއި ޕީއެންސީން ހުއްޓާނުލައި ކުރަންވީ މަސައްކަތަކީ އެމަނިކުފާނު ސަލާމަތްކުރުން ކަމަށް ވިދާޅުވި އެވެ.