މާލޭ ސަރަހައްދުގައި އުޅޭ ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުންނަށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުޅުމާލޭގައި ހައުސިން މަޝްރޫއުއެއް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްގެން ތަރައްގީކުރާ، "ކޯ-ލިވިން ހައުސިން" ޕްރޮޖެކްޓްގެ ބިންގާ އިއްޔެ ވަނީ އަޅައިފަ އެވެ.
ރާއްޖޭގައި މުޅިން އާ ކޮންސެޕްޓަކަށް ތަރައްގީކުރާ އެ ޕްރޮޖެކްޓްގެ ދަށުން، "ކޯ ޝެއާ" ނުވަތަ އެހެން މީހުންނާ އެކު ދިރިއުޅޭ ކޮޓަރި އަދި އަސާސީ ހިދުމަތްތަކަށް ބޭނުންކުރާ ބަދިގެ ކަހަލަ ތަންތަން އެމީހުންގެ މެދުގައި ބަހާލައިގެން ބޭނުންކުރެވޭނެ އެވެ.
އެޗްޑީސީން ބުނީ އެތަނުގައި ސިންގަލް އަދި ޓްވިން ޝެއާ ކޮޓަރި ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ޕްރޮޖެކްޓްގެ މަގްސަދަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ކިޔަވާ ކުދިންގެ އިތުރުން އެކަނި، ބޮޑު ކުލީގައި ތަންތަން ހިފައިގެން އުޅޭ މީހުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނި ގޮތުގައި ކޯ-ލިވިން ކޮންސެޕްޓަށް އެ ކުންފުނިން ފަރުމާކޮށްފައިވާ މި ޕްރޮޖެކްޓް ނިމޭއިރު ތަފާތު ހިދުމަތްތަކެއް އެތަނުން ލިބޭނެ އެވެ. އޭގެ ތެރޭގައި އައުޓްޑޯ ޖިމާއި ޕޭންޓްރީ އާއި ކޮންމެ ފަންގިފިލާއެއްގައި އެންމެނަށް ބޭނުންކުރެވޭ ބަދިގެއެއް ހިމެނޭނެ އެވެ. ލޯންޑްރީ އާއި ފިހާރަތައް ވެސް އެ ބިލްޑިންގައި ހިމެނޭނެ ކަމަށް ބުންޏެވެެ.
އެޗްޑީސީން ބުނީ އެކުންފުނިން ކުރިއަށް ގެންދިޔަ ދިރާސާ އިން ދައްކާ ގޮތުގައި ކިޔަވާ ކުދިންނާއި އެކަނި އުޅޭ މީހުން، އާންމު ގޮތެއްގައި މަހަކު ކުލީގެ ގޮތުގައި 5000 ރުފިޔާ ދައްކަ އެވެ. އަދި އެމީހުންގެ ތެރެއިން 56 ޕަސެންޓް މީހުންނަކީ އެ ޕްރޮޖެކްޓަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހުން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ލަފާކުރާ ގޮތުގައި އެ ކޮންސެޕްޓަށް ފަރުވާކުރާ ތަންތަނުގައި އެއް އަހަރަށް ވުރެ ގިނަ އަހަރު މީހުން ދިރިއުޅޭނެ ކަމަށް ބެލެވެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހިންގާ އެ މަޝްރޫއުގެ ދަށުން 16،934 އަކަފޫޓުގެ ބިމުގައި 14 ބުރީގެ އިމާރާތެއް އަޅާނެ އެވެ. އެތަނުގައި ހިމެނެނީ ކިތައް ކޮޓަރި ކަމެއް އެޗްޑީސީން ނުބުނެ އެވެ. އެކަމަކު އެތަނުގެ ދެ ވަނަ ފަންގިފިލާ އިން ފެށިގެން 9 ވަނަ ފަންގިފިލާއަށް ޓްވިން ޝެއަރިންނަށް ހާއްސަކުރަން ނިންމާފައިވާއިރު ބާކީ ފްލޯތައް ހާއްސަކުރަނީ ސިންގަލް ރޫމް ތަރައްގީކުރުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.
މިއީ ހަމައެކަނި ދިވެހިންނަށް ހާއްސަ މަޝްރޫއުއެކެވެ.