އެއްމެދު އިމާރާތްތައް (ސްޓްރާޓާ އުސޫލުން ގިނަ ބަޔަކަށް އެއް އިމާރާތަކުން އެޕާޓްމަންޓް ވިއްކާފައިވާ އިމާރާތައް) ހިންގައި ބަލަހައްޓަން، ގާނޫނުން ލާޒިމްކޮށްފައިވާ މެނޭޖްމަންޓް ކޯޕަރޭޝަންތައް އުފެއްދުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
ހުޅުމާލޭގައި އެޗްޑީސީން އަޅާފައިވާ އެފަދަ ހުރިހާ އިމާރާތްތަކެއް މިހާތަނަށް ބަލަހައްޓަމުން އައީ އެ ކޯޕަރޭޝަނުންނެވެ.
އެޗްޑީސީން މީޑިއާތަކަށް މިއަދު ފޮނުވި ބަޔާނެއްގައި ބުނީ އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު"ގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން، އެއްމެދު އިމާރާތްތައް ހިންގައި ބަލަހައްޓަން މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ އެކިއެކި އެއްމެދު އިމާރާތްތަކުގެ ތެރެއިން ފުރަތަމަ އުފައްދާނީ ވިނަރެސް ފްލެޓުތަކުގެ ކޯޕަރޭޝަންތަކެވެ. އެ ގޮތުން އުފައްދާ ސްޓްރާޓާ އެކެއް، ދޭއް އަދި ތިނެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް އެ ކޯޕަރޭޝުން ބުންޏެވެ.
އަހަރީ އާންމު ޖަލްސާތަކުގެ ބޭނުމަކީ، އެޗްޑީސީން ބުނި ގޮތުގައި ވިނަރެސް އިމާރާތްތަކުގެ ކަންކަން ބަލަހައްޓަން ފަސޭހަ ކުރަން، މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި، އެ ކޯޕަރޭޝަންތައް ހިންގާނެ ކައުންސިލެއް އިންތިހާބުކުރުމެވެ. އަހަރީ އާންމު ޖަލްސާގައި އިންތިހާބުކުރާ މެނޭޖްމަންޓް ކޯޕަރޭޝަންގެ ކައުންސިލާ، އެ ސްޓްރާޓާއެއްގައި ހިމެނޭ އިމާރާތްތައް ބެލެހެއްޓުމުގެ ޒިންމާތައް ހަވާލުކުރާނެ އެވެ.
ކޮންމެ ސްޓްރާޓާއެއް ވަކިން އިންތިހާބުކުރާ އެ ކައުންސިލްގައި ހިމެނޭނީ ކައުންސިލްގެ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އާންމު މެންބަރެކެވެ.
އެގޮތުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާގައި އެ އިމާރާތުގައި ހިމެނޭ ޔުނިޓުތަކުގެ ވެރިންނާއި އެޗްޑީސީ އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ފުރަތަމަ އަހަރީ ޖަލްސާއަށްފަހު ކޮންމެ އަހަރަކު އެއްފަހަރު ޖަލްސާ ބާއްވަން ގާނޫނުން ލާޒިމްކުރެ އެވެ. އަދި އެ ސްޓްރާޓާއެއްގެ މެނޭޖްމަންޓް ކޯޕަރޭޝަން ކައުންސިލް އިންތިހާބުވުމަށްފަހު ޖެހިގެން އަންނަ އަހަރުތަކުގައި އަހަރީ އާންމު ޖަލްސާ ބޭއްވުމަކީ އިންތިހާބުވާ ކައުންސިލްގެ ޒިންމާއެކެވެ.
ވިނަރެސްގައި ހިމެނޭ ޓަވަރުތައް ބަހާފައި ވަނީ ތިން ސްޓްރާޓާ އަކަށެވެ. އެއީ:
ސްޓްރާޓާ 1 (ވިނަރެސް ޓަވަރު 1 އިން 4): 564 ރެސިޑެންޝަލް ޔުނިޓް
ސްޓްރާޓާ 2 (ވިނަރެސް ޓަވަރު 5 އިން 8): 492 ރެސިޑެންޝަލް ޔުނިޓް
ސްޓްރާޓާ 3 (ވިނަރެސް ޓަވަރު 9 އަދި 10): 288 ރެސިޑެންޝަލް ޔުނިޓް
ވިނަރެސް ފްލެޓުތަކުގެ މެނޭޖްމަންޓް ކޯޕަރޭޝަންތައް އެކުލަވާލައި ނިމުމާއެކު، ހުޅުމާލޭގެ އެހެން އެއްމެދު އިމާރާތްތަކުގެ މެނޭޖްމަންޓު ކޯޕަރޭޝަންތައް އެކުލަވާލުމުގެ މަސައްކަތްވެސް އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ އެވެ.
އެއީ އެއްމެދު އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އިމާރާތްތައް ދިގު މުއްދަތަކަށް ބެލެހެއްޓުން ފަސޭހަކުރަން އެކުލަވާލެވޭ މުހިންމު ކައުންސިލްތަކެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.