ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން މަރާލި ހާރިސް އަބްދުލްއަފޫރުގެ މަރުގެ ދައުވާލިބުނު މީހާ ކުށް ސާބިތުނުވެ، ސަލާމަތްވެއްޖެ އެވެ.
ސެޕްޓެމްބަރު، 2017 ގައި ހާރިސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީ ހާރިސް އަށް ޔާމީން ހަމަލާ ދެނިކޮށް އެއްވެސް ހެކިވެރިއަކަށް ފެނިފައި ނުވާ ކަމަށެވެ. އަދި ސިއްރު ހެކިންގެ ތެރެއިން ކޯޓުގައި ހެކިބަސް ނުދޭ ހެކިންގެ ބަޔާންތަކަށް ރިއާޔަތް ކުރަން ދައުލަތުން އެދިފައި ވިޔަސް، އެ ބަޔާންތައް ދައުވާލިބޭ ފަރާތާ ހިއްސާ ކުރުމެއް ނެތި އެ ބަޔާންތަކަށް ކޯޓުން ރިއާޔަތް ކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެގޮތަށް އަމަލު ނުކުރެވޭނެ ކަމަށް މަތީ ކޯޓުތަކުން ނިންމާފައިވާ ކަން ހުކުމުގައި ފާހަގަކުރި އެވެ.
ހުކުމުގައިވާ ގޮތުން، އެހެން ގައުމުތަކުގައި ވެސް ކޯޓަށް ހާޒިރު ނުކުރެވޭ ހެކިންގެ ބަޔާންތަކަށް ކޯޓުން ރިއާޔަތް ކުރަނީ ގާނޫނުގައި ބަޔާންކުރާ ވަކި ހާއްސަ ހާލަތްތަކެއްގަ އެވެ. އެކަމަކު ރާއްޖޭގައި އެފަދަ ގާނޫނެއް ނެތްއިރު، ހެކިންނާ ސުވާލު ކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަން ހުކުމުގައި ފާހަގަކުރި އެވެ.
ދައުވާލިބުނު ޔާމީން ގެންގުޅުނު ކަމަށް ބުނާ ޖިންސަކުން ހާރިސްގެ ޑީއެންއޭ ފެނުނު ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި ހަމަލާދިން ސަރަހައްދަކުން ފެނުނު ފައިވާނަކުން އޭނާގެ ޑީއެންއޭ ފެނުނު ވެސް ދައުލަތުން ބުނެފައިވެ އެވެ.
އެކަމަކު ދިފާއުން ބުނެފައިވާ ގޮތުގައި ހާރިސްއަކީ އޭގެ ދުވަސްކޮޅެއް ކުރިން ދައުވާލިބޭ ޔާމީނަށް ތޫނު އެއްޗަކުން ހަމަލާދިން މީހެއް ކަމަށްވާތީ އެ ހާދިސާގެ ތެރޭގައި ޑީއެންއޭ ނަގުލުވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ޑީއެންއޭ ތަހުލީލުކުރަން ސާމްޕަލް ނެގީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ދިފާއުން ބުނެފައިވެ އެވެ.
އެހެންވެ، ހުކުމުގައިވާ ގޮތުން ޑީއެންއޭ ރިޕޯޓާ ބެހޭގޮތުން ދިފާއުން އުފެއްދި ސުވާލުތަކަށް އެކަށީގެންވާ ހުއްޖަތެއް ދައުލަތަށް ދެއްކިފައެއް ނެތެވެ. އަދި މަންޒަރު ފެނުނު އެއްވެސް ހެކިވެރިއަކު ނެތުމުން އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ސިއްރު ހެކިން ހާޒިރުު ކުރަން ދައުލަތަށް ގިނަ ފުރުސަތުތަކެއް ކޯޓުން ދިނެވެ. އެހެން ނަމަވެސް އެ ހެކިންގެ އެއްބާރުލުމެއް ނުލިބުނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ހާރިސް މަރާލީ ކުރިން ހިނގާފައިވާ މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.