އެމްޑީޕީގެ ދަފްތަރުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ވަކިކޮށްފައިވާ ނަމަ އެމަނިކުފާނު ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލެއްވީ ކީއްވެތޯ ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ރޭ ސުވާލު ކުރައްވައިފި އެވެ.
އެމްޑީޕީގެ ދަފްތަރުން އެ ޕާޓީގެ ވަރަށް ގިނަ ސީނިއާ މެންބަރުން ހިމެނޭ ގޮތަށް ނަޝީދަށް ތާއީދު ކުރައްވާ 39،000 މެންބަރުން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.
އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި އެކަމަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ ވާދަވެރި ކެންޑިޑޭޓަށް ތާއީދު ކުރާ މީހުން އެކަނި ވަކިވެފައިވާ ކަމަށް ވިދާޅުވުމުން އެކަން ގަބޫލު ކުރަން ދަތި ކަމަށެވެ.
"މި ފަހަރު ވޯޓުލާ އެންމެން އެމަނިކުފާނަށް ތާއީދު ނުކުރާ މީހުން ކަމަށްވަންޏާ މި ޕްރައިމަރީގައި ބައިވެރިވެވަޑައިގަތީ ކީއްވެބާ،" މާރިޔާ ވިދާޅުވި އެވެ.
ސަރުކާރަށް އެކިއެކި އިލްޒާމް އަޅުވަމުން ގެންދަވާއިރު ސަރުކާރުގައި މިވަގުތު އޮތީ ވެސް އެމްޑީޕީކަން މާރިޔާ ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ ފިކުރަކީ އަދި ދިރުމަކީ ވަކި މީހެއްގެ އެއްޗެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި އެގޮތަށް ގަބޫލު ކުރައްވާ ފަރާތްތައް "ކޯޅުމުގެ ބަދަލުގައި" މި ކުރެވެނީ ކޮން ކަމެއްތޯ ވިސްނާލަން ޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ ނަޝީދާއި ރައީސް ދެމެދު އަންނަނީ އެކި މައްސަލަތަކާ ގުޅޭ ގޮތުން ފާޑު ކިޔުން އަމާޒު ކުރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރޭ ވަނީ ނަޝީދު ވިދާޅުވަމުން އައި ކަންކަމަށް ހޫނު ރައްދުތަކެއް ދެއްވައިފަ އެވެ.