މާލޭގެ މީހުންނަށް ސަރުކާރުން ވައުދުވެފައިވާ ގޮތަށް، ބޯހިޔާވަހިކަމުން އެއްވެސް މީހަކު ބާކީ ނުކޮށް ފްލެޓާއި ގޯތި ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިނަށް ދަރުބާރުގޭގައި މާލޭގެ މީހުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރަކުން ކުރިޔަށް ނުގެންދާ ވަރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް މި ފަސް އަހަރުގެ ތެރޭގައި ހިންގަމުން އަންނަ ކަމަށެވެ.
މުޅި ރާއްޖޭގައި 16،000 އަށް ވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯ ހައުސްގެ މަޝްރޫއުތައް ކުރިޔަށް ގެންދާ ކަމަށާއި މާލެ އަށް ހާއްސަ ކޮށްގެން 7،000 ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫއެއް އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއީ އޮޅުވާލައިގެން ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން. ވޯޓަކާއި މި ކަމަކާ ނެތް ގުޅުމެއް. މި އަހަރުގެ މެދަށް އަންނަ އިރު އެވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯޅިހު ވިދާޅުވި އެވެ.
ފްލެޓުގެ ވާހަކަ އެހެން ބޭފުޅަކު ދައްކަވާނެ ކަމެއް ނެތް -- ރައީސް
ރައީސް ވިދާޅުވިގޮތުގައި ހައުސިން މިނިސްޓްރީން މިހާރު ކުރަމުން އަންނަނީ ފްލެޓާއި ގޯތީގެ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތެވެ. ހާމަކަން ބޮޑު ގޮތެއްގައި ވީހާ ވެސް ރަނގަޅަށް އެ މަސައްކަތް ކުރުމަށް ފަހު، ޝަރުތު ހަމަވާ އެއްވެސް މީހަކު ބާކީ ނުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން އަޅަން ފެށި ފްލެޓުތައް ވެސް މި ދައުރުގެ ތެރޭގައި ނިންމައި، މާލޭގެ މީހުންނަށް ދިރިއުޅެވޭ ވަރު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ފްލެޓުގެ ވާހަކަ އެހެން ބޭފުޅަކު ދައްކަވާނެ ކަމެއް ނެތް. މިއީ މިކަން އޮތް ގޮތް،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ މަނިކުފާނާ ވާދަވެރި ކެންޑިޑޭޓު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައުލަތުގެ ރިޒާވާއި މާލީ ހާލަތާ ބެހޭ ގޮތުން އޮޅުވާލައްވައިގެން ވާހަކަފުޅު ދައްކަވާ ކަމަށެވެ. ދުވާލަކު އެއްފަހަރު އެކި ގޮތްގޮތަށް "ދައުލަތް ބަނޑަށް ޖެހޭ" ވާހަކަފުޅު ދައްކަވަމުން ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.