ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓަކީ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުލްސައްތާރު މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މެމްބަރު މުސްތަފާ ކުރެއްވި ޓުވީޓާ ގުޅިގެން އަނަސް ވިދާޅުވީ، ހިޔާލު ތަފާތުވުންތަކުގައި މި ދަރަޖައިގެ އަމަލުތައް ކުރުމަށް ގޮވާލައި ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ ބޮޑެތި އަދަދުތަކުން އިނާމު ހުށަހެޅުން ކުށްވެރިކުރާ ކަމަށެވެ.
"މިއީ ވަރަށް ނާތަހުޒީބު، ދަށު ދަރަޖައިގެ އަމަލެއް،" އަނަސް ވިދާޅުވި އެވެ.
މުސްތަފާގެ ޓުވީޓްގައި ވިދާޅުވެފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށެވެ.
އެ މައްސަލާގައި މުސްތާފާ މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިވާން ވެސް ވަނީ އަންގައިފަ އެވެ.
ފުލުހުން ބުނީ "ތިމަރަފުށި" ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.