ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ މިރޭ ކުރެއްވި ޓުވީޓްގެ މައްސަލާގައި އޭނާ ފުލުސް އޮފީހަށް ހާޒިވާން އަންގައިފި އެވެ.
މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާދަމާ ރޭ 9:40 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ.
ފުލުސް އޮފީހަށް ހާޒިރުވާން އެންގީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންގަވައިގެން ބިރުދައްކަން ކަމަށް މުސްތަފާ ތުހުމަތުކުރެއްވި އެވެ.
"މި ރެއަށް ޕޮލިހަށް ނުދާން ކީކަން ދެރައީ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ "ތިމަރަފުށި" ނަމުގައި ބޭނުންކުރަމުން އަންނަ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެންވެ، އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުސްތަފާ ދަނީ މި ފަހުން ޓުވިޓާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި މި ސަރުކާރުން ހިންގާ ޕްރޮޖެކްޓުތަކަށް އޭނާ ފާޑުވިދާޅުވެ އެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި މުސްތަފާ ހުންނެވީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފަޅީގަ އެވެ. ނަޝީދުގެ ކެމްޕެއިންގެ ބައެއް ހަރަކާތްތަކުގެ ކުރީ ސަފުގައި އުޅުއްވައި އަދި ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިކޮށް ނަޝީދަށް ކެމްޕެއިން ކުރެއްވި އެވެ.