ދިރުވާލައިގެން ގެނައި ޑްރަގާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި ލަޓްވިއާގެ މީހާގެ ބަނޑުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 46 އަހަރުގެ އެ ފިރިހެންމީހާ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
ފުލުހުން މިއަދު ބުނީ އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ހުއްދަ ދީފައިވާ ކަމަށެވެ.
އެ މީހާ ދިރުވާލައިގެން އެތެރެ ކޮށްފައިވާ މަސްތުވާތަކެތި ކަމަށް ބެލެވޭ 127 ބުލެޓް ހަށިގަނޑުން ފެށިފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 1.3 ކިލޯ ހުރި ކަމަށް ފުލުހުން ބުންޏެވެ.
ދިރުވާލައިގެން ޑްރަގް އެތެރެކުރާ މީހުންގެ ހަށިގަނޑުން ޑްރަގް ބޭރުކުރަން އާންމުކޮށް އެ މީހުން ހޮސްޕިޓަލަކަށް ގެންދެ އެވެ. ބައެއް ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ގެސްޓް ހައުސް ފަދަ ތަންތަނުގައި އެފަދަ މީހުން ބައިތިއްބައިގެން ވެސް ޑްރަގް ބޭރުކުރުވަ އެވެ.