ވައިގެ މަގުން ރާއްޖެއަށް ޑްރަގްސް އެތެރެކުރުމުގެ މައްސަލަތަކުގައި މިދިޔަ ފަސް އަހަރުގެ ތެރޭގައި 35 މީހަކު ހައްޔަރުކުރިޔަސް ޝަރީއަތް ނިމި ހުކުމް ތަންފީޒުކުރަމުން ދަނީ މަދު ބައެއް ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
ފުލުހުން "މިހާރު"އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 35 މީހުން ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު، އޭގެ ތެރެއިން މައްސަލަ ނިމި ކުށް ސާބިތުވެފައިވަނީ އަށް މީހެއްގެ މައްޗަށެވެ.
ބާކީ 27 މީހުން ތިބީ ޝަރީއަތް ނިމެންދެން ރިމާންޑު ބަންދެއްގަ އެވެ. އެނގިފައިވާ ގޮތުގައި، ބަންދުގައި ތިބި މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ވެސް އެބަތިއްބެވެ.
ވައިގެ މަގުން ޑްރަގް ގެންނަ މީހުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ ހޫނުވީ، ގަތަރުގެ ދޯހާއިން މިދިޔަ ހޯމަ ދުވަހު ރާއްޖެ އައި 23 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން ވެސް އެ މީހާ ހައްޔަރު ނުކޮށް، މަސްތުވާތަކެތި އަތުލުމަށްފަހު އަނބުރާ ފޮނުވާލުމުންނެވެ.
އެއް ބަޔަކު ދެކޭ ގޮތުގައި މަސްތުވާތަކެތި އަތުލުމަށްފަހު މީހާ ފޮނުވާލުމަކީ އެކަން ކުރަން ދެވޭ ހިތްވަރެކެވެ.
ކަސްޓަމްސް އިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ 6.5 މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރި އަންހެން މީހާ ފޮނުވާލީ "ވައިގެ މަގުން ދިވެހި ރާއްޖެ އަންނަ ބިދޭސީއަކު ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތްތަކާ މެދު އަމަލުކުރާނެ ގޮތުގެ ގަވައިދު"އާ އެއްގޮތަށް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާ އެކު ކަމަށެވެ.
އެގޮތަށް އަމަލުކުރުމުގެ ބާރު އިމިގްރޭޝަން ކޮންޓްރޯލާއަށް އޮވެ އެވެ. ނަމަވެސް ކޮންޓްރޯލާގެ އެ ނިންމުމާ މެދު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިޔަސް އެ މައްސަލައިގައި އަދި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޖެނުއަރީ 26، 2023ގައި ހަދާފައިވާ ގަވައިދުގައި ބުނީ ވައިގެ މަގުން ބިދޭސީއަކަށް ރާއްޖެއަށް އެތެރެވިޔަ ނުދީ ހިފެހެއްޓޭ ހާލަތުގައި ދެ ގޮތަކުން ކުރެ ގޮތަކަށް އަމަލުކުރަންޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި އެ މީހަކު ކޮށްފައިވާ ޖިނާއީ ކުށް ތަހުގީގުކުރުމަށާއި ހައްޔަރުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމާއި އެ މީހަކު ރާއްޖެ އައި އެއާލައިނަކާ މަޝްވަރާކޮށްގެން އެ މީހާ އަނބުރާ ފޮނުވާލުން ހިމެނެ އެވެ.
އޭގެ އިތުރުން، މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރާ މީހަކު ރާއްޖެ އެތެރެވުމުގެ ހުއްދަ ދޭއިރު، އެ މައްސަލަ ސާބިތުކުރަން އެކަށީގެންވާ ހެކި ލިބެން ހުރިތޯ އަދި އެފަދަ މީހަކު ބަހައްޓައިގެން މައްސަލަ ބެލުމަށް ހިނގާނެ ހަރަދަށް ރިއާޔަތްކުރަންޖެހެ އެވެ.