ކްރިމިނަލް ކޯޓު ހިންގާ އިމާރާތް: އިމާރާތް ބާވެ ވީރާނާވެފައިވާތީ ބަދަލު ކުރަން މިހާރު ވަނީ ނިންމާފައި--ފައިލް ފޮޓޯ: މިހާރު
22 ފެބުރުއަރީ 2023 - 22:54
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދާ އިމާރާތް ބާ ވުމުގެ ސަބަބުން ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި އެ ތަނުގައި ކުރަމުން އަންނަ މަސައްކަތް ވަގުތުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގަ އެވެ. އެ އިމާރާތް ބާވެ، ފާރުތަކުގައި ރެނދު ލާފައިވާއިރު، ސީލިންގުން ފެން ފޭބުން ފަދަ އެތައް ކަމެއް ހިނގައިގެން، ބައެއް ޝަރީއަތްތައް ކެންސަލް ވެސް ކުރަން ޖެހެ އެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓް ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން މިއަދު އެ އިމާރާތުގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންވެ، ކްރިމިނަލް ކޯޓު ހިންގަމުން ދާ ދެ އިމާރާތުގެ ތެރެއިން ހަތަރު ބުރީގެ ބާ އިމާރާތް ބޭނުންކުރުން އެ ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ސަލާމަތަށްޓަކައި ވަގުތުން ހުއްޓާލަން ނިންމާފައިވާ ކަމަށާއި ކޯޓުގެ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި ކަންކަން އަލުން ތަރުތީބުކޮށް، މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ މައްސަލާގައި މީގެ ކުރިން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައި ވަނީ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން ވެސް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެހެން އިމާރާތަކުން މި ވަގުތު ޖާގަ ނެތް ކަމަށް އެ މިނިސްޓްރީއާ ހަވާލާދީ ޑީޖޭއޭ އިން ބުނެފައި ވެ އެވެ.
އާ އިމާރާތެއް ހޯދަން ޓެންޑާ ކޮށްދޭން ޓެންޑާ ބޯޑަށް ފޮނުވުމުން، އިމާރާތެއް ނުލިބުނު ކަމަށް އެ ބޯޑުން މިދިޔަ އަހަރުގެ މާޗު މަހު އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ އެކު ކުރި މަޝްވަރާތަކުގައި ވެސް، ވިނަރެސް ފްލެޓްގެ ކޮމާޝަލް ޖާގަތަކުން ޖާގައެއް ލިބެން ނެތް ކަމަށް އެ ކުންފުނިން މިދިޔަ އަހަރުގެ މާޗު މަހު އަންގާފައިވާ ކަމަށް ޑީޖޭއޭ އިން ބުނެފައި ވެ އެވެ.
ކްރިމިނަލް ކޯޓު، ޖަސްޓިސް ބިލްޑިންގްގައި ހިންގަމުން ދަނިކޮށް، އެ ތަން އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ. އޭގެ ކުރިން ދުވަސްކޮޅެއް ވަންދެން ސިވިލް ކޯޓުގެ ބައެއް ސެކްޝަންތައް ވެސް އެ އިމާރާތުގައި ހިންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫމް
23 February 2023
ޣާޒީ ބިލްޑިންގގައި ހުރި ސަރުކާރުގެ އޮފީސްތައް އެހެން އިމާރާތަކަށް ބަދަލުކުރަން ނުވޭތަ؟ މުޅިތަން ބާވެ ވީރާނާވެފަ ވިއްޔާ
އެމްސް
22 February 2023
ދިވެހީން މިކުރާ ކޮންކްރީޓް ތަރައްޤީގެ ޢުމުރަކީ 25 ވަރަކަށް އަހަރުބާ؟
އޮނަރަބްލް އަފީފު ދީދީ
22 February 2023
ސްޕްރީމްކޯޓް ކުރިމަތީގައިއޮތްބިމުގައި މަޖިލިސް ރައީސްގެ ގެކޮޅުހެދުމުގެބަދަލުގައި އާޒީ ބިލްޑިންގާއި ހުރަވީ ބިލްޑިންގް ހުރިތަނުގައި މަޖިލިސް ރައީސަށާއި، އުއްތަމަ ފަނޑިޔާރުގެ ރެޒިޑެންސްތައް ހައްދަވާފައި ތީމުގެކުރިމަތީގައި އޮތްބިމަކީ ޖުޑިޝަރީޓަވަރ ގެގޮތުގައި ދަށުކޯޓްތަކާއި، ޖޫޑިޝަލް ސާރވިސް ކޮމިޝަނާއި، ދިވެހިރާއްޖޭގެ ބާކައުންސިލް އިދާރާހިންގާ އޮފީސް އިމާރާތްކަމުގައި ހަމަޖެއްސުން ހުރިހާގޮތަކުންވެސް (ސެކިއުރިޓީ ބެލެހެއްޓުންފަދަ) ރަގަޅުކަމަށް ދެކެން.
ކާތިބު
23 February 2023
އަދިވެސް ތިޔަ ވިސްނުން ހުރީ ހަމަ މާލޭގެ އެއް ތަނަކަށް ހުރިހާ ކަމެއް ތޮއްޖެއްސުން. 3 ބާރުގެ ވެރިން އާރަށުގައި ގަނޑުވަރު ހަދައިގެން ތިއްބެވުން އެންމެ ރައްކާތެރި ގޮތަކީ. އޭރުން ގައިމު މިހާރަށްވުރެ 3 ބޭފުޅުންގެ ގުޅުން ވެސް ރަނގަޅުވެދާނެ ތޯއްޗެއް. އަދި ތިޔަ ސިކިއުރިޓީދޭ ފަރާތަށް ވެސް މާފަސޭހަވެފަ ޚަރަދު ވެސް ކުޑަވާނެ. ސަރުކާރުގެ އޮފީސް ތަކާއި ކޯޓުތައް އެކިއެކި ކުދި ތަންތަނުގައި ހިންގުމުގެ ބަދަލުގައި ހުރިހާ ކޯޓުތަކަށް ބިޔ ބިލްޑިންގ އެއް އަޅަންވީ!
ޣާޡި
22 February 2023
މިކަމުގެ ހުރިހާ ޝުކުރެއް ހައްގުވަނީ މިހާރު ނޫހުގެ މުއިއްޒު އިބްރާޙީމަށް. ޢޭނާ މިކަމާބެހޭ ރިޕޯޓެއް މިއަދު ލިޔުނުތާ 24 ގަޑިއިރު ނުވޭ އަދި. މިއީ ތިން އަހަރު ވަންދެން ނުވެ އޮތް ކަމެއް މިވީ. ޝުކުރިއްޔާ
ބޯދާބަސް
22 February 2023
ސުއޫދުމެން އެބުނަނީ ހަމަ ތެދު ހަގީގަތް. ޖުޑިޝަރީއަށް އަޅާލާނެ ބަޔަކުނެތި ޖުޑިޝަރީ ކަފުންކުރެވި ވަޅުލެވެމުންދާ ހިތާމަވެރި މަންޒަރު މިފެންނަނީ.