ސަރުކާރު މުވައްޒަފުންނަށް 400 ފްލެޓް އެޅުމުގެ މަޝްރޫއު އަމިންއާ ހަވާލުކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ހުޅުމާލޭގައި 402 ހައުސިން ޔުނިޓް އަޅަން 647 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.


އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި 402 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި އަމިން ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެޗްޑީސީން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައިމަން ވިދާޅުވީ "ހިޔާވަހި ހައުސިން" ނަމުގައި އަޅާ ހައުސިން ޔުނިޓްތައް އަމާޒު ކުރާނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށް، ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް މި ތަންތަން ހާއްސަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހައުސިން ޔުނިޓްތައް ދިނުމުގައި ވީހާވެސް އަގުހެޔޮކަމާއި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ. އެ ގޮތުން އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ ފްލެޓުތަކާއި ހައުސިން ޔުނިޓްތައް ދޭ އަގަށްވުރެ މާ ބޮޑުތައް އަގު ހެޔޮ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޯޕަން މާކެޓުގައި މިހާރު ހުރި އަގުތަކަށްވުރެ ކުޑަކޮށް ފަސޭހަކަމާއި ލުއި ކަމާއެކު ފޯރުކޮށްދޭން ބޭނުންވަނީ،" ސައިމަން ތަކުރާރުކޮށް ވިދާޅުވި އެވެ.

ސައިމަން ވިދާޅުވި ގޮތުގައި ހައުސިން ޔުނިޓްތައް ހެދުމަށް ބޭރުގެ އެކި ފަރާތްތަކުން ކުރިމަތިލި އެވެ. އެކަމަކު އެންމެ ރަނގަޅު އަގެއް ހުށަހެޅީ އަމިން ކޮންސްޓްރަކްޝަނުން ކަން ފާހަގަ ކުރައްވައި ސައިމަން ވިދާޅުވީ އަމިން އަކީ ގިނަ ޕްރޮޖެކްޓްތައް ކާމިޔާބު ކަމާއެކު ނިންމާލާ ކުންފުންޏެއް ކަމަށެވެ.

އަމިން އިން އިމާރާތް ކުރާ ހައުސިން ޔުނިޓްތައް

- 402 ހައުސިން ޔުނިޓް އިމާރާތް ކުރާނެ

- 14 ބުރީގެ ތިން އިމާރާތް ހަދާނެ

- ހައުސިން ޔުނިޓްތައް 26 މަހުގެ ތެރޭގައި ނިންމަން ޖެހޭނެ

- ޕްރޮޖެކްޓުގެ އަގަކީ 647 މިލިއަން ރުފިޔާ

- ހައުސިން ޔުނިޓްތައް ދޭނެ އުސޫލާއި އަގުތައް 4-5 މަސްތެރޭ ހާމަކުރާނެ

- މި ހައުސިން ޔުނިޓްތަކުގައި އެއް ކޮޓަރިން ފެށިގެން ހަތަރު ކޮޓަރިއާ ހަމައަށް ކޮޓަރިތައް ހުންނާނެ

ސައިމަން ވިދާޅުވީ ހައުސިން ޔުނިޓްތައް ލިބޭނެ އުސޫލުތަކާއި ގަންނަން ލިބޭނެ އަގުތަކާ މެދު ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ހައުސިން ޔުނިޓްތައް ލިބުމުގެ ފުރުސަތު އޮންނާނީ ބޭންކް މެދުވެރިކޮށް ލޯން ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީގައި ހަދާ ހައުސިން ޔުނިޓްތަކާ ގުޅޭ ގޮތުން އަމިންގެ އެމްޑީ އަބްދުﷲ މުހައްމަދު ވިދާޅުވީ ހައުސިން ޔުނިޓްތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި (ދެ އަހަރާއި ދެ މަސް ދުވަސް) ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އެ ގޮތުން އަމަލީ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ފަހަކަށް އައިސް އިމާރާތް ކުރާ ގިނަ ހައުސިން ޔުނިޓްތަކަކީ މުއްސަނދިންނަށް އަމާޒުކޮށްގެން އިމާރާތް ކުރާ ހައުސިން ޔުނިޓްތަކެކެވެ. އެ ގޮތުން އެ ހައުސިން ޔުނިޓްތަކަށް މިލިއަން ރުފިޔާއިން ފައިސާ ދައްކަން ޖެހުމަކީ ނިކަމެތިންނަށް ބޯހިޔާވަހިކަން ލިބުމުގައި އޮތް ހުރަހެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

ހިޔާވަހި ޕްރޮޖެކްޓް ހިންގަން ހަމަޖައްސާފައި ވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސީ2- 1 އާއި ސީ2-2 އަދި ސީ2- 3 ގަ އެވެ. އެ ތިން ތަނުގެ ތެރެއިން ސީ2-1 އަކީ 25،467 އަކަފުޓޫގެ ބިމެކެވެ. އަދި ދެން އޮތީ 27،534 އަކަފޫޓުގެ ބިމަކާއި 27،285 އަަކަފޫޓުގެ ބިމެކެވެ. މީގެ ކޮންމެ ބިމެއްގައި އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 14 ބުރި ނުވަތަ 45 މީޓަރެވެ.

އެޗްޑީސީން ތިން ބިމެއްގައި 14 ބުރީގެ އިމާރާތްތަކެއް ހަދަން އަމިން އާ ހަވާލުކުރިއިރު، ފުރަތަމަ ފިޔަވަހީގައި އަމިން އިން އަންނަނީ 14 ބުރީގެ ތިން ޓަވަރެއް ހަދަމުންނެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 7،000 ހައުސިން ޔުނިޓް އެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.