ވިލިމާލޭ ލޯކަލް މާރުކޭޓް ގޮޅިތަކުގެ ކުލި ހަތަރު މަސް ވަންދެން މައާފްކޮށްދީ އަދި މާލޭގެ މާރުކޭޓް ގޮޅިތަކުގެ ކުލި ކުޑަކުރަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ ވިލިމާލެ މާރުކޭޓް ގޮޅިތަކުގެ ކުލި ހަތަރު މަހަށް މައާފް ކޮށްދޭއިރު މާލޭ މާރުކޭޓް ގޮޅިތަކުން ކުލި ކުޑަކޮށް ދޭނީ 30 ޕަސެންޓް ކަމަށެވެ. އަދި މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އެއްބަސްވުންތައް އެއް އަހަރަށް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި އެގޮތަށް ނިންމީ ވިލިމާލޭ މާރުކޭޓަކީ އަލަށް ގާއިމްކުރި ތަނަކަށް ވާތީ އެތަން ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމަށެވެ. އަދި މާލޭ މާރުކޭޓްތަކުގެ ކުލި ކުޑަކުރަން ނިންމީ ތަކެތީގެ އަގު ބޮޑުވެފައިވާތީ ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ދިނުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ މާލޭގައި ހުރި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓްގެ އެއްބަސްވުމުގެ މުއްދަތު ކުރިން އޮތްގޮތުން މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. އެކަމަކު މިއަދު އެއްގޮތަށް ނިންމުމާ އެކު، ކުލީގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުވެގެންދާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.