މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހު 16 ގައި ފަށާނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސްފައިވާ ކަމަށެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ގެނައީ 10 ބަގީ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ ރޯދަ މަހު އެއްކޮށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ.
"ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު އީދު ނިމެންދެން އޮންނާނީ ހިލޭ،" އޭނާ ވިދާޅުވި އެވެ.
ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް 2ރ. ނަގަން މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފަ އެވެ. ނަމަވެސް ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛
• 4 ސީޓްގެ ބަގީއަކަށް 6ރ.
• 6 ސީޓްގެ ބަގީއަކަށް 10ރ.
• 12 ސީޓްގެ ބަގީއަކަށް 15ރ.
ސިޓީ ކައުންސިލުން ބުނީ، އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނައި ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑުފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ވެސް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.