އއ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ. މިއީ މި މަހު ގެނބިގެން މަރުވި ތިންވަނަ ޓޫރިސްޓެވެ.
ފުލުހުން ބުނީ އއ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ މީހާ ގެނބުނު ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ހެނދުނު 10:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވީ އިނގިރޭސި ވިލާތުގެ 65 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
ހަމަ އެ އަތޮޅު ރަސްދުއާ އިންވެގެން އޮންނަ މަޑިވަރު ޑައިވިން ޕޮއިންޓަށް، ޑައިންވިން އަށް ފޭބި ޓޫރިސްޓަކު ވެސް އިއްޔެ ގެނބިގެން މަރުވި އެވެ. އެއީ ވެސް އިނގިރޭސި ވިލާތުގެ ފިރިހެނެކެވެ. އުމުރުން 46 އަހަރުގެ އެ މިހާ ވެސް ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފަ އެވެ.
މި މަހު ހަތެއްގައި، ރ. އަތޮޅުގައި އޮންނަ އަދާރަން މީދުއްޕަރު ރިސޯޓުގައި ވެސް މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވި އެވެ.