ކަނޑުމަތިން ފެނުނީ ގެއްލުނު ދެ ޓޫރިސްޓުންގެ ހަށިގަނޑު: ޕޮލިސް

މާލެ އަތޮޅު ސަރަހައްދު ކަނޑުމަތިން އިއްޔެ ފެނުނީ، މީރުފެންފުށި ރިސޯޓް ކައިރި އަށް މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ދެ ޓޫރިސްޓުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނީ ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޗައިނާގެ ދެ ޓޫރިސްޓުން ކަމަށެވެ. އެ ދެ މީހުން މޯޗަރީ އަށް ލާފައިވާ އިރު ގައުމަށް ފޮނުވުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަރުވީ 30 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނި ގޮތުގައި އެއް ހަށިގަނޑު ބަރޮސް ކައިރިން ފެނުނުއިރު އަނެކަކުގެ ހަށިގަނޑު ފެނުނީ ތުޅާގިރި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ލައްގާފައި އޮއްވަ އެވެ. ބަރޮހާއި ތުޅާގިރި އޮންނަނީ ޓޫރިސްޓުން ގެއްލުން ރިސޯޓާ ވިއްސަކަށް މޭލު ދުރުގަ އެވެ.

މޫދަށް އެރި އުޅުމުގެ ތެރޭގައި ޓޫރިސްޓުން ދޭތެރެ ދޭތެރެ އިން މަރުވެ އެވެ. އޭގެ ތެރޭގައި ޗައިނާ މީހުން ނިސްބަތުން ގިނަ އެވެ. މިދިޔަ ހޯމަ ދުވަހު އއ.ރަސްދޫ ކައިރި އަށް ޑައިވިނަށް ދިޔަ ކެނެޑާ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ.