ސައުދި އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަހަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ރަށްރަށުގައި ކަދުރު ބަހާނީ މިދިޔަ އަހަރު އެ މިނިސްޓްރީން އިއުލާންކުރި ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ދިނުމަށް ފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ދާ މީހުންގެ ތަރުތީބުން ކަމަށެވެ.
ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓް ކަދުރު ބަހާއިރު، ސައުދީން މި އަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރު ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަދުރު ބެހުން އޮންނާނީ އާދިއްތަ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ބުރާސްފަތީގެ ނިޔަލަށެވެ.
މިނިސްޓްރީން ބުނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކަދުރު ބަލާ ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދަން ވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ރަށްރަށުގައި ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން މި އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށް ފަހު އެ ކައުންސިލްތަކުން ކަމަށް ވެސް ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް، ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.