ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހި ސަރުކާރަށް މި ރޯދަމަހާ ދިމާކޮށް، ހަދިޔާކުރި ކަދުރު އެކި މުއައްސަސާތަކަށާއި ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސަައިޓުގައި މިއަދު ބުނީ ސައުދީން އެ މިނިސްޓްރީއަށް މި އަހަރު ވެސް 15 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އެކި މުއައްސަސާތަކަށާއި ކޮލެޖުތަކަށާއި ދީނީ ދާއިރާގެ އެކި ތަންތަނަށް ބަހާ މި ކަދުރު ރަސްމީކޮށް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ސައުދީގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޝަހީމް ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހްދު މުހައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާ މެދު ބަހައްޓާ ގާތް ކަމަށް ޝުކުރު އަދާކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރޯދަމަހު ވެސް ރާއްޖެއަށް ކަދުުރު ހަދިޔާކުރެ އެވެ.