ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުން 50 ޕަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓެއް ލިބޭ ފެއާއެއް ފަށައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކޮޗިންގެ ދެކޮޅު ޓިކެޓެއްގެ އަގަކީ 216 ޑޮލަރު (3،330 ރުފިޔާ) ކަމަށް މޯލްޑިވިއަނުން ބުންޏެވެ. ކޮޗިންގެ ދެކޮޅު ޓިކެޓުގެ އަގަކީ ކުރިން 400 ޑޮލަރު (6،168 ރުފިޔާ) އެވެ.
މޯލްޑިވިއަން އެއާލައިންގެ ޑިސްކައުންޓް ފެއާގެ ދަށުން ޓްރިވެންޑްރަމްގެ ޓިކެޓްގެ އަގު ވަނީ 232 ޑޮލަރު (3،577 ރުފިޔާ) އަށް ހެޔޮކޮށްފަ އެވެ. އެ ސެކްޓާގެ ދެކޮޅުގެ ޓިކެޓުގެ އަގު ކުރިން އުޅުނީ 500 ޑޮލަރު (7،710 ރުފިޔާ) އަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދަތުރު ކުރެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 17 ވަނަ ދުވަހެވެ.
އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ކޮޗިން އާއި ޓްރިވެންޑްރަމްގެ އިތުރުން އިންޑިއާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިވަގުތު މޯލްޑިވިއަން އިން ބައިނަލްއަގްވާމީ ދަތުރު ކުރަނީ ކޮޗިން އާއި ޓްރިވެންޑްރަމާއި ބަންގްލަދޭޝްގެ ޑާކާ އަށެވެ.
މޯލްޑިވިއަން އިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރަން މިވަގުތު ގެންގުޅެނީ އެއާބަސް އޭ 320 ބޯޓެވެ. އިތުރު އެއާބަސް ބޯޓެއް ހޯދުމަށް ގައުމީ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.