މަޝްހޫރު ކާޓިން ޔުނިވާސިޓީގެ ބޯޑު މެމްބަރުކަން ޝަކީލާ އަށް ލިބިވަޑައިގެންފި

އޮސްޓްރޭލިޔާގައި ހުންނަ ދުނިޔޭގެ މަޝްހޫރު ކާޓިން ޔުނިވާސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓް (އެސްއޯއެމް)ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު ކަން ކުރީގެ ވަޒީރުކަން ކުރެއްވި ޑރ. މަރިޔަމް ޝަކީލާ އަށް ލިބިވަޑައިގެންފި އެވެ.


"މިހާރު"އާ ވާހަކަ ދައްކަވަމުން ޝަކީލާ މިއަދު ވިދާޅުވި ގޮތުގައި ޔުނިވާސިޓީގެ ބޯޑު މެމްބަރުކަން ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. ހާއްސަކޮށް ދިވެހި އަންހެނަކަށްވެ ހުރެ، މިފަދަ މަގާމެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާވާ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔުނިވާސިޓީގެ އިސް ބޭފުޅަކު ގުޅުއްވާފައި އެހީ ބޯޑު މެމްބަރުކަމަށް ވުމުގެ ޝައުގުވެރިކަން އެބަހުރިތޯ، ޝައުގުވެރިކަން ހުރި ވާހަކަ ބުނުމުން ފުރުސަތު ދިނީ،" ޝަކީލާ ވިދާޅުވި އެވެ.

ޝަކީލާ ވަނީ ގިނަ އަހަރުތަކެއް ވަންދެން އޮސްޓްރޭލިއާގައި ހުންނަ ކާޓިން ޔުނިވާސިޓީން މާސްޓާސް އާއި ޕީއެޗްޑީ ހާސިލް ކުރައްވައިފަ އެވެ. އަދި ބައެއް ފަހަރު އެ ޔުނިވާސިޓީގައި ޝަކީލާ ލެކްޗާ ދެއްވަ އެވެ.

ޝަކީލާ ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަންގެ ސަރުކާރުގައި އާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކެބިނެޓުގައި އެކި ދާއިރާތަކުން ހިދުމަތް ކުރައްވާފަ އެވެ. އެ ގޮތުން ޖެންޑާ އާއި ހެލްތު މިނިސްޓަރު ކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އެވެ. އަދި އެންވަޔަރްމަންޓް މިނިސްޓަރު ކަން ވެސް ކުރެއްވި އެވެ.

ޝަކީލާ ވިދާޅުވި ގޮތުގައި އެޑްވައިޒަރީ ބޯޑުގެ މެމްބަރުކަމަށް ވުމަކީ އިތުރު ތަޖުރިބާތަކެއް އޭނާ އަށް ލިބޭނެ މަގެކެވެ. އަދި އެ ޔުނިވާސިޓީން އޭނާ އަށް ކުރި އިތުބާރަށް ޝުކުރު އަދާކުރެއްވި އެވެ.

"ތައުލީމީ ހަޔާތް ފުރިހަމަ ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ޔުނިވާސިޓީއެއް މިއީ، އޮސްޓްރޭލިއާ އަށް ދެވޭ ފަހަރެއްގައި މިހާރު ވެސް ލެކްޗާ ދީ އުޅެން" ޝަކީލާ ވިދާޅުވި އެވެ.

ކާޓިން ޔުނިވާސިޓީގެ މަސައްކަތްތައް ހިނގާނީ އެ ތަނުގެ އެސްއޯއެމްގެ އެޑްވައިޒަރީ ބޯޑް މެމްބަރުންގެ ލަފާ އާއި އިރުޝާދުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި އެ ބޯޑުގައި ޝަކީލާއާ އެކު 14 މެމްބަރުން ތިއްބަވަ އެވެ.

ދުނިޔޭގެ ކަންކަން ހިނގާ ގޮތަށް ބަލާފައި އޭރުގެ އޮންނަ ގޮތަށް ކޯސްތައް ހިންގާނެ ގޮތާ ގުޅޭ ގޮތުން ގޮތްތައް ނިންމުމުގެ ބާރު އެ ބޯޑަށް ވަނީ ދީފަ އެވެ. އަދި މުސްތަގުބަލުގައި ޔުނިވާސިޓީ ހިންގާނެ ގޮތުގެ ރާސްތާ ކަނޑައެޅުމުގެ ބާރު ވެސް ދީފައި އޮންނަނީ އެ ބޯޑަށެވެ.

ކާޓިން ޔުނިވާސިޓީއަކީ ދުނިޔޭގައި އެންމެ ނަން ހިނގާ ޔުނިވާސިޓީތަކުގެ ތެރެއިން އެއް ޔުނިވާސިޓީ އެވެ. ޔުނިވާސިޓީގެ ކެމްޕަސްތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހުރެ އެވެ. އެ ޔުނިވާސިޓީއަކީ ދުނިޔޭގެ ނިސްބަތުން ގިންތި ކުރެވޭއިރު އެންމެ މޮޅު ދެ ޕަސަންޓުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީއެކެވެ.