ރާއްޖޭގައި "މެޑިކަލް މެރުވާނާ" ހުއްދަ ކުރަން ގޮވާލައި ވާހަކަ ދެއްކުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން ވެސް އެ ވާހަކަ މަޖިލިހުގެ ތަޅުމުގައި ދެއްކުމުގެ ފުރުސަތު ރިޔާސަތުން މިއަދު ދީފި އެވެ.
އެ ވަގުތު މަޖިލިހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް އެ ފުރުސަތު ދެއްވީ، މަސްތުވާތަކެއްޗަށް ދެވި ހިފާފައި ތިބި މީހުންނަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތަށް ނިޒާމު ބަދަލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ގަރާރަކަށް ބަހުސް ކުރައްވަމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރާއްޖޭގައި މެޑިކަލް މެރުވާނާ ހުއްދަ ކުރަން ޖެހޭ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.
ސަބަބެއް ކަމަށް ޖާބިރު ވިދާޅުވީ، ބައެއް ގައުމުތަކުން ވެސް މިހާރު އެ ބާވަތް ހުއްދަ ކޮށްފައިވާތީ އެވެ.
ޖާބިރު އެ މައުލޫއުގައި ވާހަކަ ދައްކަވަން ފެއްޓެވުމުން ނިޒާމީ މައްސަލައެއް ނަންގަވައި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، ދީނާ ހިލާފު އަދި ފުށުއަރާ ވާހަކަަތަކެއް ޖާބިރު ދައްކަވާއިރު ރިޔާސަތުން އެ ފުރުސަތު ދެއްވާތީ ކަންބޮޑުވާ ކަމަށެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ދައްކަން ރިޔާސަތުން ފުރުސަތު ދީގެން ނުވާނެ އެވެ.
ނަމަވެސް ރިޔާސަތުގައި އިންނެވި އަފީފް ވިދާޅުވީ، އެއީ ނިޒާމީ މައްސަލައެއް ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށާއި ކަމާކާ މެދު ބަހުސް ކުރާއިރު ހުރިހާ މައްސަލަތަކަށް ވާހަކަ ދެއްކެވެން ޖެހޭނެ ކަމަށެވެ.
"އެއީ ދީނާ ހިލާފު މައްސަލައެއް ވެސް ނޫން. މި މައްސަލަތައް ދިރާސާ ކުރާއިރު ކުރިމަތިވާ މައްސަލަތަކަށް އެބަޖެހޭ ވާހަކަ ދެއްކެވެން،" އަފީފް ވިދާޅުވި އެވެ.
ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް އެއީ ދީނީ ގޮތުން ހަރާމް ކަމެއް ކަމަށް ވިދާޅުވެ، އެ ވާހަކަ ޕްރޮމޯޓް ނުކުރަން ގޮވައިލެއްވި އެވެ.