ޝަރީފާއި އާޒިމް ވެސް މަޖިލިހުގެ ރައީސްކަމަށް ޝައުގުވެރިވެއްޖެ

އަންނަ މަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އާއި މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.


ދައުލަތުގެ މިދިޔަ އަހަރުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ މުގައްރިރު ޝަރީފާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) ގެ ރައީސްކަން ކުރިން ކުރެއްވި އާޒިމް މަޖިލިހުގެ ރައީސްކަމަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން އެ މަގާމުގެ ވާދަވެރިކަން އިތުރަށް ވަނީ ބޮޑުވެފަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީން 65 ގޮނޑިއާ އެކު ސުޕާ އަޣުލަބިއްޔަތެއް ހޯދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގާބިލު ބޭފުޅުންގެ ލިސްޓުގައި ކުރިން ހިމެނިފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ވިލުފުށީ ދާއިރާ އަށް އިންތިޚާބުވެވަޑައިގެންނެވި ހަސަން އަފީފު އަދި މިނިވަން ކެންޑިޑޭޓުގެ ގޮތުގައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރެވެ.

މީގެ ތެރެއިން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތީ އަސްލަމަށެވެ. ނަޝީދާއި އަސްލަމަކީ ސިޔާސީ މައިދާނުގައި ވަރަށް ގާތް ދެ ބޭފުޅުންނެވެ.

މަޖިލިހުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ތެރެއިން ފުރުސަތު ލިބިވަޑައިގެންފި ނަމަ، މަޖިލިހުގެ ރައީސްކަމަށް ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ގިނަ ޒަމާން ވަންދެން މަޖިލިހުގައި އުޅުނު މީހެއް. ވަރަށް ގިނަ މަސައްކަތްތަކެއް މަޖިލިހުގައި ކޮށްފައި، ތަޖުރިބާ ވެސް ލިބިފައި ވަނީ،" ޝަރީފް ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ ގޮނޑި ތިން ވަނަ ދައުރަކަށް ދިފާއު ކުރެއްވި ޝަރީފް ވިދާޅުވި ގޮތުގައި އޭނާ އަކީ ހުރިހާ މެމްބަރުންނާ އެކު ވެސް މަސައްކަތް ކުރެވޭނެ ބޭފުޅެކެވެ.

އާޒިމް ވިދާޅުވީ، މަޖިލިހުގެ ރައީސަކު ކަނޑައެޅުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގޮތެއް ނިންމާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އޭނާ އަކީ އަބަދުވެސް ކުރިއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅެކެވެ. އެހެންވެ، ދައުލަތުގެ އެއް ބާރު ކަމަށް ވާ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމަށް ވަޑައިގަތުމުގެ ފުރުސަތުގެ ބޭނުން ހިފަން ބޭނުންވީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ ދެން އޮތް ސްޓޭޖަށް ދިއުމުގެ ވިސްނުން ގެންގުޅެން ޖެހޭނެ ކަމަށް. އަޅުގަނޑަކީ ވެސް ތަޖުރިބާ ހުރި މީހެއް ކަމަށް ގަބޫލު ކުރަނީ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ ގޮނޑި ތިން ވަނަ ދައުރަކަށް ދިފާއު ކުރެއްވި އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި މިހާރު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް، ސަރުކާރު ހިންގާ ޕާޓީތަކުން ހެދި ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހަމަޖައްސާނީ ޖުމްހޫރީ ޕާޓީގެ ބޭފުޅެކެވެ. އަދި ނައިބަކަށް އައްޔަން ކުރަންވާނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދު އޮންނަ ބޭފުޅެއް ކަަމަށް ވެސް ވެ އެވެ. މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި ގާސިމް ހިތްހަމަޖެހިވަޑައިނުގަތް އެއް ސަބަބަކީ، އެ އެއްބަސްވުމަށް އަމަލުކުރަން އެމްޑީޕީން ބޭނުން ނުވެ، ހުރިހާ ދާއިރާތަކަށް ވަކިވަކިން ވާދަ ކުރުމެވެ.