މަޖިލިހުގެ ރައީސަކާއި ނައިބު ރައީސަކަށް އެމްޑީޕީން ބޭނުންވާ ބޭފުޅަކު ކަނޑައެޅުން ހޯމަ ދުވަހު

އަންނަ އަންގާރަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސަކަށް އެމްޑީޕީން ހޮވަން ބޭނުންވާ ބޭފުޅަކު ކަނޑައެޅުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ހޯމަ ދުވަހު ވޯޓު ނަގަން ނިންމައިފި އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި އާ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި 65 ބޭފުޅުންނަށް ޕާޓީން ފޮނުވި މެސެޖެއްގައި ވަނީ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ވޯޓުގައި އެ ޕާޓީ ވިޕްލައިން ނިންމުމަށް ވޯޓަކަށް އަހަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ގޮތް ނިންމުމުގެ ބައްދަލުވުން ބާއްވާނެ ތަނާއި ގަޑި ފަހުން އަންގާނެ ކަމަށް އިންތިޚާބީ މެމްބަރުންނަށް އެމްޑީޕީން ފޮނުވި އެސްއެމްއެސް ގައި ވެ އެވެ.

މަޖިލިހުގެ ރައީސް ކަމަށް އެމްޑީޕީގެ ފަރާތުން މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ކުރީގެ ހޯމް މިނިސްޓަރު އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެމްބަރު ހަސަން އަފީފާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭގެ ތެރެއިން އެމްޑީޕީގެ ތެރޭގައި އެންމެ ބޮޑު ވާދަވެރިކަމެއް އުފެދިފައި އޮތީ އަސްލަމާއި އަފީފްގެ މެދުގަ އެވެ.

މި ހިނގާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާ މަޖިލިހަށް ހުވާ ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންނާ އެކު މަޖިލިހުގައި އޮތް ތަރާވީހަކަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ވިދާޅުވެ، އަފީފަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިހުގެ ރައީސް ގާސިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ އޮތް މަޖިލިހުގެ ތަރާވީހުގައި ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

"އަފީފްގެ މަސައްކަތް މީގެ ކުރިން ފެނިފައި އެބަހުރި. އަސްލަމާ އެކު މަސައްކަތް ކުރެވިފައި އެބަހުރި. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަފީފަކީ މި ކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަކި ބޭފުޅެއްގެ ނަން މި ވިދާޅުވީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އަސްލަމާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް ރޭގެ ހަފުލާގައި ތިއްބެވި ވަގުތެއްގަ އެވެ. އަފީފަށް ތާއީދު ކުރައްވައި އޭނާގެ ނަން ރައީސް ވިދާޅުވުމާ އެކު، އަސްލަމްގެ މޫނުމަތިން ހާސްކަން ވަރަށް ބޮޑަށް ފެނުނެވެ.

މަޖިލީހުގެ ރައީސަކަށް އެންމެ އެކަށީގެން ވަނީ އަފީފް ކަމަށް ރައީސް ވިދާޅުވި އިރު، ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ އިންތިޚާބީ މެމްބަރު މުހައްމަދު ނަޝީދު ބޭނުންފުޅު ވަނީ މަޖިލިހުގެ ރައީސް ކަމަށް އަސްލަމް ގެނައުމަށެވެ. އަސްލަމަކީ ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ހޮވުމުގެ ވޯޓު ނަގާނެ ގޮތަކާ މެދު އެމްޑީޕީގެ ތެރޭގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު ކަނޑައަޅަން ވާނީ ސިއްރު ވޯޓެއް ނަގައިގެންނެވެ. އެކަމަކު، އެކަމާ ދެކޮޅު ހައްދަވާ މެމްބަރުން ވިދާޅުވީ ޑިމޮކްރަސީގެ ރިވެތި އުސޫލަކީ ހާމަކަން ބޮޑު ވޯޓަކަށް ދިއުން ކަމަށެވެ.