އަރަބި ބަހުން ފުރިހަމަ އަށް ވާހަކަދެއްކި އަރަބިއްޔާ ސްކޫލުގެ ދަރިވަރަކަށް، ސައޫދީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ބަދުރުލް ކުޙައިލް 1،000 ޑޮލަރު މިއަދު ދެއްވައިފި އެވެ.
އަރަބިއްޔާ ސްކޫލުގެ ގްރޭޑް 12ގެ އަދަބީ ކްލާހުގައި ކިޔަވަމުން އަންނަ އާދަމް މިޝްއަލްގެ ވާހަކަދެއްކުން ސަފީރަށް ކަމުދިޔައީ، ރާއްޖޭގައި އަރަބި ބަސް ފުޅާކުރަން ސައުދީން ފޮނުވި ޓީޗަަރުން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރަން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހަފުލާ މިޝްއަލް ހުށަހަޅައިދިނުމުންނެވެ.
އަރަބިއްޔާ ސްކޫލުގައި މިއަދު ބޭއްވި ހަފުލާއެއްގައި، ސައުދީ އެމްބަސީގެ އިސް ބޭފުޅަކު ވަނީ ސަފީރުގެ ހާއްސަ ހަދިޔާ މިޝްއަލްއާ ހަވާލުކޮށް ދެއްވައިފަ އެެވެ. ހަދިޔާގެ ގޮތުގައި 1000 ޑޮލަރުުގެ އިތުރުން، ރަންކުލައިގެ ހަތިމެއް ވެސް ސަފީރު ވަނީ ދެއްވައިފަ އެވެ.
ޓީޗަރުން ހަވާލުކުރަން އިސްކަންދަރު ސްކޫލުގައި ބޭއްވި ހަފުލާގައި ސަފީރު ވަނީ މިޝްއަލްްގެ ވާހަކަދެއްކުން ފުރިހަމަކަމުން އޭނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ވިދާޅުވީ އެއީ އެ ސްކޫލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށާއި އަރަބި ބަހަށް ސަރުކާރުން ދެމުން އަންނަ ސަމާލުކަން އެކަމުން ހާމަވެގެން ދާ ކަމަށެވެ.
"ސްކޫލަށް ވެސް ވަރަށް ރީތި ނަމެއް މި ލިބިގެން ދިޔައީ. އެކަން އަޅުގަނޑުމެން ވެސް ފާހަގަކުރަން. އަދި އެހެން ދަރިވަރުންނަށް ވެސް އަރަބި ބަސް ދަސްކުރަން ވަރަށް ބޮޑު ހިތްވަރެއް މި ލިބުނީ،" އޭނާ ވިދާޅުވި އެވެ.
މިޝްއަލް އަކީ އަރަބިއްޔާ ސްކޫލުގެ އިސް މަގާމުތަކެއް ވެސް ފުރަމުން އަންނަ އަދި ގުރުއާން ހިތުދަސްކޮށްފައިވާ ދަރިވަރެކެވެ.
ރާއްޖޭގައި އަރަބި ތައުލީމް ފުޅާކުރަން ސައުދީން މިހާރު ވެސް އަންނަނީ ގިނަ އެހީތަކެއް ދެމުންނެވެ. އެ ގޮތުން، އަރަބި ބަސް ކިޔަވައިދޭން 17 ޓީޗަރުން ރާއްޖެ ފޮނުވާފައި ވާއިރު، ރާއްޖޭގައި އަރަބި ބަސް ހިލޭ ކިޔަވައިދޭ ސެންޓަރެއް ގާއިމްކުރަން އެ ގައުމުން ވަނީ ނިންމައިފަ އެވެ.