މާލޭގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކެއްގައި، އެމްޓީސީސީގެ މިނި ބަހަކުން މިއަދު ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލްތަކަށް ގެއްލުންވެއްޖެ އެވެ.
އަމީރު އަހުމަދު މަގުން ޖުމްހޫރީ މައިދާން ކައިރީގެ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުގައި ބަހުން ޖެހުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު، ހަތް ސައިކަލެއް ވެއްޓި އެކި ވަރުގެ ގެއްލުންވި އެވެ.
އެ ސަރަހައްދުގައި އެ ވަގުތު ހުރި މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެކްސިޑެންޓް ހިނގީ ބަސް ސްޓޮޕަށް ބަސް ކައިރިކުރަން އުޅެނިކޮށް ޑްރައިވަރަށް ނިދި ޖެހިގެން ކަމަށެވެ.
އޭނާ ބުނިގޮތުގައި، އެ ޕާކިން ޒޯނުގައި ހުރި ހަތް ސައިކަލަކަށް ވަނީ ގެއްލުން ވެފަ އެވެ.
މި ރޯދަމަހުގެ މިހާތަނަށް ބަލާއިރު، މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ. ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓްގެ ކުރިން ވެސް ހުޅުމާލޭގައި އިއްޔެ ނުރައްކާތެރި އެކްސިންޑެންޓެއް ހިނގި އެވެ.
މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވަމުންދާ އިރު، ސިނަމާލެ ބްރިޖް ސަރަހައްދުގައި ރޭ ވެސް ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ.