ގަވައިދު އިސްލާހުކުރާތީ، ފަޅު ރަށްތައް ކުއްޔަށް ދިނުން ވަގުތީ ގޮތުން މަޑުޖައްސާލައިފި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އިސްލާހުކުރަމުން އަންނަނީ ފަޅު ރަށް ކުއްޔަށް ދިނުމާ ބެހޭ ގަވައިދު ކަމަށެވެ. އެހެންވެ، އެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ފަޅު ރަށްރަށް ކުއްޔަށް ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމާއި ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް، ފިޝަރީޒް މިނިސްޓްރީއަށް ނުގުޅޭތީ އެ ގަވައިދަށް މި ފަހަރު ގެންނަ ބަދަލެއް ސާފެއް ނުވެ އެވެ.
ފަޅު ރަށްރަށް ކުއްޔަށް ދިނުމާ ބެހޭ ގަވައިދަށް މިދިޔަ އަހަރު ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައި ވަނީ ފަޅުރަށްރަށް ވަރުވާ އަށް ލިޔެދޭ މުއްދަތު އަނެއްކާ ވެސް 10 އަހަރަށް އިތުރުކޮށްފަ އެވެ.
އެ ގަވައިދަށް 2020 ވަނަ އަހަރު އަމަލުކުރަން ފެށިއިރު، ފަޅުރަށެއް ވަރުވާ އަށް ލިޔެދެވޭ އެންމެ ދިގު މުއްދަތުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ފަސް އަހަރެވެ. އޭގެ ކުރިން އަމަލުކުރި ފަޅުރަށްރަށާ ބެހޭ ކުރީގެ ގަވާއިދުގައި ވެސް ފަޅު ރަށްރަށް ވަރުވާ އަށް ލިޔެދެވޭ އެންމެ ދިގު މައްދަތުގެ ގޮތުގައި އޮތީ 10 އަހަރެވެ.
އެ ގަވާއިދަށް އެ ފަހަރު އިތުރު ކުރި ކަންކަމުގެ ތެރޭގައި ފަޅުރަށެއް ވަރުވާ އަށް ހިފާ ފަރާތުން އެ ރަށަށް ގެއްލުން ލިބުނަ ނުދީ، ރަށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސަން ޖެހޭއިރު، ރަށް ބަލަހައްޓާނެ މީހުން ރަށުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއްގައި ރަށުގައި ހަދަން ޖެހެ އެވެ. އަދި އެތަނަށް ހަދާނެ ގޮތުގެ ޑިޒައިން މިނިސްޓްރީ އަށް ހުށަހަޅާ އެ މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ޖެހެ އެވެ.