ދަނޑުވެރިކަމާއި ޕޯލްޓްރީގެ ބޭނުމަށް ދޫކުރި ގދ. ކާށިހުޅުދޫ ސަރުކާރުން އަތުލި މައްސަލައިގައި ދައުލަތުން ބަދަލުދޭން ޖެހޭ ކަމަށް ހައި ކޯޓުން ކަނޑައަޅައި، އެ މައްސަލާގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށްފި އެވެ.
ސަނީ ފާމް ކިޔާ ކުންފުންޏަކަށް 2013 ވަނަ އަހަރު ސަރުކާރުން ކާށިހުޅުދޫ ކުއްޔަށް ދޫކޮށްފައި ވަނިކޮށް، އެ ތަން ސަރުކާރުން އަތުލީ 2020 ވަނަ އަހަރު އެވެ. އެއީ އެ ރަށުގައި ކުރަންޖެހޭ މަސައްކަތްތައް ނުކުރާ ކަމަށް ބުނެ އެވެ. އެކަމަކު އެ ކުންފުނިން ބުނާގޮތުން މަސައްކަތްތައް ކުރިއަށް ނުގެންދެވުނީ ކާށިހުޅުދޫގައި ތިން ވަނަ ފަރާތެއް އުޅޭތީ އެވެ.
އެ މައްސަލައިގައި 4.8 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސަނީ ފާމުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ ސަރުކާރުން ކާށިހުޅުދޫ އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ނުބެލެވޭ ކަމަށެވެ.
ސަނީ ފާމުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އާދިއްތަ ދުވަހު ހުކުމްކުރީ ދައުލަތުން ކާށިހުޅުދޫ އެއްބަސްވުން ބާތިލްކޮށްފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
ނަމަވެސް، މި މައްސަލައިގެ ތެރޭން ސަނީ ފާމަށް ބަދަލު ނަގައިދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހައި ކޯޓުން ކަނޑައަޅާފައިވަނީ ސަނީ ފާމަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ޝަރީއަތަށް ހުށަހެޅުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށެވެ. އެހެންކަމުން، ބަދަލު ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުގެ ފުރުސަތު ކުންފުންޏަށް އޮންނާނެ އެވެ.