ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު.
08 މެއި 2025 - 14:07
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ނ. މިނާވަރު އަތުލަން ސަރުކާރުން ނިންމީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ސިޔާމްގެ އިމްޕެކްސް ފިޝަރީޒް ނަމަކަށް ކިޔާ ކުންފުންޏަކަށް މިނާވަރު ކުއްޔަށް ދީފައިވަނީ ފެބްރުއަރީ، 2010 ގައި 21 އަހަރުގެ މުއްދަތަކަށެވެ. ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވާން ބާކީ ހަ އަހަރު އޮއްވާ އެރަށް އަތުލަން ނިންމައި، އެގްރިކަލްޗާ މިނިސްޓްރީން ވަނީ މިދިޔަ ހޯމަ ދުވަހު 14 ދުވަހުގެ ނޯޓިސްއެއް ފޮނުވައިފަ އެވެ.
އެ މައްސަލާގައި އެ ކުންފުނީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ މައްސަލާގައި ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޯޓަށް ދާންޖެހިއްޖެ ނަމަ، ކޯޓަށް ވެސް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ މިނާވަރުގެ އޮޑިޓެއް ހެދުމަށް މިނިސްޓްރީގެ ޓީމަކުން އެ ރަށަށް ދިޔަ ކަމަށާއި އެކަމަކު އެ ދަތުރު ނިންމުމަށްފަހު ވެސް އެއްވެސް ރިޕޯޓެއް އެ ކުންފުންޏާ ހިއްސާކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމުން، އެއްވެސް ކަމެއް ރަނގަޅުކުރަން ނެތްނަމަ، މިނިސްޓްރީން ރިޕޯޓް ހިއްސާ ނުކުރާނެ ކަމަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފޮލޯއަޕް ވެސް ކުރިން. ކޮށްގެން އެބޭފުޅުން ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން އެ ބޭފުޅުން ރިޕޯޓާ ގުޅޭ ގޮތުން ކޮމިއުނިކޭޓް ކުރާނީ ކަމެއް ރަނގަޅުކުރަން އޮތިއްޔާއޭ. ދެން ރަނގަޅު ކުރަން ކަމެއް ނެތީމަތާ އަޅުގަނޑުމެންނަށް އޭގެ ފަހުން އެއްވެސް މުއާމަލާތެއް ނުކޮށް އޮތީ އެކަމުގައި،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އޮފިޝަލް ވިދާޅުވީ މިދިޔަ ރޯދަ މަހުގެ ފަހު 10 އެއްގައި ސަރުކާރު ބަންދުވާން އެއް ދުވަހަށްވެފައި އޮއްވާ މިނިސްޓްރީން ސިޓީއެއް ފޮނުވި ކަމަށާއި އަދި އޮގަސްޓް މަހު ކުރި އިންސްޕެކްޝަނާ ހަވާލާ ދިނުމަށްފަހު ރަށުގެ ކަންކަން އޮތީ ރަނގަޅަށް ނޫން ކަމަށް ސިޓީގައި ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަންކަން ހައްލުކުރުމަށް 30 ދުވަހުގެ މުއްދަތެއްދީ، އޭގެ ޖެހިގެން އަންނަ ފަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް ހުށަހެޅުމަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ހައްލުކުރަންވީ ކަންކަން ސިޓީގައި ބުނެފައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"ސިޓީގައި އޮތީ ސަރުކާރު ބަންދު ދުވަސްތަކާ އެކީގައި 30 ދުވަހުގެ މުއްދަތެއް ދީފައި. އެ ސިޓީއަށްފަހު އައީ ބޮޑު ބަންދެއް. ސަރުކާރު ބަންދާއި އީދު ބަންދު. ދެން އަޅުގަނޑުމެންނަކަށް ނޭނގުނު ކޮން ކަމެއް ކަމެއް ރަނގަޅު ކުރަންވީ. ސިޓީއަކު ނެތް ރަނގަޅުކުރަންވީ ކަންކަމެއް ބަޔާންކޮށްފައި،" ކަންބޮޑުވުން ފާޅުކުރައްވައި، އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން އެ ކުންފުނިން ކޮންސަލްޓެންޓުން ނަގައިގެން ތައްޔާރުކުރި ރިޕޯޓެއް އޭޕްރީލް 21 ގައި މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭޕްރީލް 24 ގައި މިނިސްޓްރީގެ ތިން މުވައްޒަފަކު ވަނީ މޮނިޓަރިންނަށް އެރަށަށް ދިޔަ ކަމަށާއި އެމީހުން ވެސް ކަންކަން ރަނގަޅު ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަމާ އެކު އެބޭފުޅުން އެންގީ ފުރިހަމައަށޭ ހުރިހާ ކަމެއް އޮތީ. ދެން ރިޕޯޓުތައްވީ ކިހިނެއް ކަމެއް އަޅުގަނޑަކަށް ނޭނގެ،"
"އެބޭފުޅުންގެ [މިނިސްޓްރީ] ސިޓީގައި އޮތެއްނޫންތޯ މުއްދަތު ދީގެން ވެސް ހައްލުނުކުރީއޭ. އެއީ އެ ބުނާ މުއްދަތަކީ. މަސައްކަތް ކުރަން ލިބުނީ ސަރުކާރު ބަންދު ނޫން ގޮތުގައި ގާތްގަނޑަކަށް 10 ވަރަކަށް ދުވަހު،"
އޭނާ ވިދާޅުވީ ބަންދު ދުވަސްތަކެއް އެ މުއްދަތުގައި ހިމެނޭތީ އެ މުއްދަތު އިތުރުކޮށްދޭން އެދުނު ކަމަށެވެ. އެކަމަކު މިނިސްޓްރީން ކުންފުންޏަށް އެންގީ ކުރިން ވެސް އެންގި ގޮތަށް ބަންދު ދުވަސްތަކާ އެކު 30 ދުވަހުގެ ތެރޭގައި އެކަން ކުރުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިސްޓްރީއަށް އެގޮތަށް އެރަށް އަތުލަން ނޯޓިސް ނުދެވޭނެ އެވެ. އެއީ އެ ރަށަކީ ގަވާއިދުން ކުލި ދައްކާފައިވާ ރަށެއް ކަމަށްވާތީ ކަމަށް ވިދާޅުވި އެވެ.
"ނޮން ފައިނޭންޝަލް ބްރީޗެއް ވިއްޔާ އެބޭފުޅުންނަށް ޓާމިނޭޓެއް ނުކުރެވޭނެ. އެންމެ ބޮޑުމިނުން ވެސް ޖޫރިމަނާއެއް ކުރެވޭނީ. އެކަމަކު އެ ސްޓެޕެއް ނުނަގާ އެ ބޭފުޅުންނެއް. ނުބައި މާއްދާއަކާ ހަވާލާދީ އެ ޓާމިނޭޓްކުރީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އޮންނަ ގޮތުން ދިފާއީ ބޭނުމަކަށް ފިޔަވައި އެހެން ބޭނުމެއްގައި ރަށް އަތުލާ ކަމަށްވާ ނަމަ، ދެ އަހަރުގެ މުއްދަތެއް ދިނުމުގެ އިތުރުން ކޮށްފައިވާ ހަރަދުތަކަށް ބަދަލު ދޭންޖެހޭނެ ކަމަށެވެ. އެކަމަކު ނޯޓިސް ދިނީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"14 ދުވަހުގެ ތެރޭގައި މުދާ ނުނެގިއްޖެއްޔާ އެއީ ދައުލަތުގެ މުދާ ކަމަށް ވެސް އޭގައި އޮތް. އެހެންވީމަ ކޯޓަށް ވެސް ދާނަން. މިއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މިތިބީ ތައްޔާރަށް. މިހާ ނާއިންސާފުން ގާނޫނާ ހިލާފަށް މިކަން މިކުރީ." އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 ގައި ސަރުކާރުގެ ބޭނުމަކަށް އެރަށް ނަގަން ނިންމައި އެ ރަށުގެ އިވެލުއޭޝަން އޮޑިޓެއް ހަދަން ބަޔަކު ހޯދަން އޭރު އިއުލާންކުރި އެވެ. އެކަމަކު، އޭގެފަހުން ވެސް މިނާވަރު ބޭނުން ކުރަމުން ދަނީ ސިޔާމް ވޯލްޑާއި ސަން ސިޔާމް އިރުފުއްޓަށް ބޭނުންވާ ތަކެތި އުފެއްދުމަށް، ދަނޑުވެރިކަން ކުރުމަށެވެ.
އެކަމަކު އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިނާވަރު އެ ކުންފުންޏަށް ދޫކުރި އެއްބަސްވުމުގައިވާ ގޮތުން ތިން ވިޔަފާރިއެއް ކުރަންޖެހޭ ކަމަށެވެ. އެއީ ދަނޑުވެރިކަމާއި ޕްރޮސެސިން އަދި ވެލިއު އެޑިޝަން (ޖޫސް ފަދަ އެއްޗެހި ތައްޔާރު ކުރުން) ހިމެނޭ ކަމަށެވެ.
މިނިސްޓްރީން ބުނީ މިނާވަރުގައި މިހާރު ކުރާ މަސައްކަތްތަކުގެ އެސެސްމަންޓެއް އެ މިނިސްޓްރީން މިއަހަރު ވެސް ހެދި ކަމަށާއި އެ އެސެސްމަންޓުން ފާހަގަވީ އެ ރަށުގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރަމުން ނުދާކަން ކަމަށެވެ. އެހެންވެ، ރަށް އަތުލުމުގެ ބާރު އޮންނަ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ސިޔާމުގެ ރަށެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި ދ. އުއްދޫގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ އެއްބަސްވުން ސަރުކާރުން އިތުރަށް އަލެއް ނުކުރެ އެވެ. އެއީ ވެސް ދަނޑުވެރިކަމުގެ ބޭނުމަށް ދޫކުރި ރަށެކެވެ.
ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ޕީއެންސީގެ ސަރުކާރު ކޯލިޝަންގައި ކުރިން ބައިވެރިވި ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަންގައި މިހާރު އެމްޑީއޭ ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
09 May 2025
އިންސާފުން ތެދަށް ވާހަކަ ދައްކާނަމަ ބުނެވޭނީ މިބޭފުޅާއަށް އެކި ސަރުކާރުގަ އެކި ނަންނަމުގަ އެކި ބޭނުމަށް ކަމަށް ދޫކުރެވިފަ ތިބީ ކިތަށް ރަށް ކަން ރައްޔިތުންނަކަށް ނޭގޭ. ހަމަ ގައިމުވެސް ބުއްދީގެ ހަމައިން ވިސްނާ އިރު މިހާބައިވަރު ރަށްތަކާ ފަޅުތަކެއް އެކަކަށް ދީފަ މިހުރީ އިންސާފުވެރިކޮށް ކަމަށް ގަބޫލްކުރަން ދަތި. އެހެންވީމަ މިމައްސަލައިގަ ރާވެރިބެ ބުނާނީ ސަރުކާރުގެ ނިންމުން މިފަހަރު ރަގަޅު ކަމަށް.
މީހަކު ފެންނައިރަށް އިތުބާރުނުކުރޭ؟
09 May 2025
ޝިޔާމުވެސް ހުސްގޮނޑިއަށްވީ ގޮތްވީ ދެއްތޮ އާޚިރުގަ؟
ގަމާރުރައްޔިތުން
08 May 2025
ވެކިކަން ކުރާމީހުނާއި އަދި ވިޔަފާރިވެރިންނަށް ޖީބައްލާނެ އެެއްޗެއް ލިބޭނީ ރައްޔިތުން ގުބޯހައްދައިގެން.
ތަމެންދޯ
08 May 2025
ރަނގަޅުތާ ތިޔާ ސިޓީ ތި ފޮނުވީ ވެސް އެމްޑީއޭ ގެ ސްލޮޓެއްގައި މިނިސްޓަރު ކަން ދޭން އެމްޑީއޭ ކައުންސިލުން ފާސް ނުކުރަނީސް އެމްޑީއޭގެ ލީޑަރަށް ވަސްވާސް ދީގެން މީހަކު ކުރި ކަމެކޭ މާރިޔާ މިސަރުކާރު ގެންނަން ކުރި މަސައްކަތެއް ނެތޭ އޭނާ އާއި ހަވާލު ކުރީ މާލޭގައި އުޅޭ ބުޅާ ތައް ކޮއްޓަށް ލާން އެހާ ކުޑަ ކޫސުނި ކަމެއް ވެސް އޭނާ އަށް ނުކުރެވުނޭ ދެން އޭނާ މަގާމުގެ ދަހިވެތި ކަމުގައި ކޮންމެ ކަމެއް ވެސް ކޮށްފާނެއޭ....
ބެކް ޓު 30 އަހަރު
08 May 2025
މިހާރު ކޯޓަކީ ވެސް މުއިއްޒު. ދެން ކިހިނެތް ހަދަނީ ސިޔާމޫ؟
ވާނުވާ ހޢ
08 May 2025
ޖެހި ޖެހިގެން 20 ދުވަހު ސަރުކާރު ބަންދެއް ނުވާނެ އެއްވެސް މަހެއް ގައެއް. ރާއްޖޭގަ ހުރިއްޔާ ހުރި ފަޅލުރަށެއް ނަގައިގެން މުއްސަނދިން އުޅެނީ އަދިވެސް މަދު ވެގެން
ގޮނުއަނގަ
08 May 2025
ކުއްޔަށް ދިންތާ 15 އަހަރުވީއިރު އެގްރިމެންޓްގައިވާ ގޮތަށް ކުރަންހުރި ކަންކަން ނުކުރެވިނހުރިނަމަ ރަނގަޅުކުރަން ދޭނެ މުއްދަތެއް އޮންނާނެ ކަމަކަށް ނުދެކެން. ކުލީގެ މުއްދަތުގެ %75 ހަމެވެ ދިޔައިރު ދެން ރަނގަޅުކުރަން ޖެހޭ ކަމެއް އޮވެގެންވުވާނެ. ކޮންމެ އެގްރިމެންޓަކު ލިޔާ މާއްދާ "ބާތިލު ކުރެވޭނެ" މާއްދާއަށް އަމަލު ކުރަން ޝަރުއީ މަރުހަލާގެ ބޭނުން ކުރަންފެނޭ. އެކަމަކުދޯ. މިތަނަށް ދިޔައިމާ ނުނިމޭނެ ކަމެއް.
މިއީ ގޯހެކޭ
08 May 2025
ރާއްޖޭގެ އެއްވެސް ރަށެއް ވަކި މީހަކަށް އެކަނި ލިބޭ ގޮތަށް އޮވެގެން ނުވާނެ. މި ސަކަރާތް ޖެހުން ހުއްޓާލަން އެބަޖެހޭ
ކޮރަލް
08 May 2025
ކޯޓް އަށް ދާން ވީ އެވެ. ރަނގަޅަށް ޓީޖީއެސްޓީ ދައްކާ ތޯ ބަލާލާނަމެވެ. ރިސޯޓް ތަކުގެ ބިދޭސީން ހުރީ ގަވާއިދާ އެއްގޮތަށް ތޯ ބަލާލާނަމެވެ. އަދި ބަލާލެވޭނެ ވ ގިނަ ކަން ކަން އެބަ ހުއްޓެވެ.
ހުސެން111
08 May 2025
ވެލިއު އެޑިން ފެސިިލިޓީެއް ނެތީ . 15 އަހަރު ވީއިރު ނުކޮށްއެއޮތީ ،